09 Jul 2018, 16:08
ގައުމު އިސްލާހު ކުރުމަށްޓަކައި އޮތް ފަޅިއަކީ ޕީޕީއެމްގެ ފަޅި ކަމަށާއި އެހެންވީމަ ހުރިހާ ބޭފުޅުން ވެސް އެފަޅިއަށް އެރުއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ މިވަގުތަކީ ހުރިހާ ބޭޅުން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ. އަދި ކޯލިޝަންތަކުގެ ހުވަފެންތައް އެއް ފަރާތްތަކޮށްލާފައި ވަރުގަދަކަމާ އެކު ކުރިއަށްދާ ނިޒާމާ އެކުގައި ތިބެން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެހެންވީމާ މި ދަންނަވަނީ ހުރިހާ ބޭފުޅުން މިފަޅިއަށް އަރާށޭ. މިއޮތީ އެންމެން އަރަން ޖެހޭ ފަޅި. ހުރިހާ ޕާޓީތަކެއް ވެސް އަރަންވީ މިފަޅިއަށް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޕާޓީއެއްގެ މީހަކާ ދޭތެރޭގައި ނެތް ނަފުރަތު ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކަށް ބަހުގެ ހަމަލާތަކެއް ދޭނެ ކަމަށް އެމީހުންނަށް ގަބޫލު ކުރެވުނަސް އެކަން އެގޮތަށް ނުހިނގާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއީ މިހާރު އޭނާ ހުރި "ސިޔާސީ ގޮތުން ބޮޑުވެފައި" ކަމަށް ވިދާޅުވި އެވެ.
"ޝަހީމު މިހިރީ ސިޔާސީ ގޮތުން ބޮޑުވެފައި. އެހެންވީމާ ކުޑަކުދިން ދުވަސްވަރުގައި އުޅުނު ގޮތަކަށް ޝަހީމެއް މިހާރަކު ނޫޅޭނެ. އެހެންވީމާ ރައީސް ނަޝީދަކީ ވެސް އަޅުގަނޑަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް. ރައީސް ވަހީދަކީ ވެސް އަޅުގަނޑަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް. ރައީސް މައުމޫނަކީ ވެސް އަޅުގަނޑަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް. އަޅުގަނޑު ހިތުގައި މިހުރިހާ ބޭފުޅުންނަށް ވަރަށް މަތިވެރި އިހުތިރާމަކާއި ގަދަރެއް އެބައޮތް،" ޝަހީމް ވިދާޅުވި އެެވެ.
މިފަހަރުގެ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކުގެ ވެސް ވޯޓާ އެކު ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ބިޔަ މަޝްރޫއުތަަކާއި ޒުވާނުންނަށް ޓަކައި ހުޅުވާލެވޭ ފުރުސަތުތައް ދެމެހެއްޓެނިވި ގޮތަކަށް ގެންދެވޭނީ ރައީސް ޔާމީންގެ ވެރިކަން ދަަމަހައްޓައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި ރައީސް ޔާމީނުގެ މި ނިމޭ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާ ބިޔަ ބޮޑެތި މަޝްރޫއުތަކަކީ ލޯނުގެ މައްޗަށް ހިންގާ މަޝްރޫއުތަކަކަށް ވާތީ ވެސް ރައީސް ޔާމީނަށް ދެވަނަ ފުރުސަތެއް ދެއްވަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއީ "ލޯނު ދައްކަން އެނގޭނީ ލޯނު ނަގާ މީހަކަށް" ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މާތްﷲ އިރާދަކުރެއްވިޔާ ފުރަތަމަ ބުރުން މި އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން ]ކަން]،" ޝަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި 22 އަހަރު މަޖިލީހުގައި ހޭދަ ކުރައްވައި 14 އަހަރު ވަޒީރުކަން ކުރެއްވާފައިވާ ބޭފުޅަކަށް ވާތީ އެއީ ވަރަށް ތަފާތު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޕަބްލިކް އެޑްމިނިސްޓްރޭޝަންގައި ދުވަހަކު މަސްއޫލިއްޔަތެއް އަދާކޮށްފައި ނުވާ މީހަކަށް ދައުލަތެއް ހަވާލުކޮށްފިއްޔާ ކިހިނެތްވާނީ؟. އަހަރެމެން ގޮވައިގެން ވަލަށް ވެސް ވަދެދާނެ." ޝަހީމް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނަށް އަމާޒުކޮށް ޝަހީމް ވިދާޅުވީ ދޮޅު އަހަރުގެ ސަރުކާރު ގާއިމް ކުރަން ފުރުސަތު ދީފި ނަމަ ރާއްޖެ ގާނޫނީ ގޮތުން ހުސްކަމެއްގެ ތެެރެއަށް ގޮސް، ސިޔާސީ ގޮތުން ހަލަބޮލިވެ މިގައުމު ފުނޑު ފުނޑުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންވީމާ އެކަމަށް ފުރުސަތު ބޭނުން ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަދި ދިވެހި ރައްޔިތުން ރައީސް ޔާމީނާއި އޭނާ އަށް ފުރުސަތު ދެއްވައިފި ނަމަ ގައުމުގައި އިސްލާމް ދީނުގެ ޚިދުމަތް ވަރުގަދަ ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުން އެއްބައިވަންތަ ކުރުވައި، ޒުވާނުންނަށް ތައުލީމީ އެތައް ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.