އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވައިސް ޗާންސެލަރުގެ މަގާމަށް އާއިޝާ ޚަލީލާ އަބްދުލްސައްތާރު އައްޔަނުކުރައްވައިފިއެވެ.

ވައިސް ޗާންސެލަރުގެ މަގާމަށް އާއިޝާ ޚަލީލާ އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

އައިޔޫއެމްގެ ޗާންސެލަރުކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ކުރިއަށް އޮތް އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިން މޭޓުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން އޭނާ ނިންމެވީ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ނަމަވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނާއި އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުގައި ދެމިހުންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް ޗާންސެލަރުގެ މަގާމުގައި ހުންނަވާނީ އައިޔޫއެމް ހިންގުމުގައި ލަފާ ދެއްވުމުގެ ރޯލެއްގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ވައިސް ޗާންސެލަރަކު އައިޔޫއެމްއަށް އައްޔަނުކުރީ ޔުނިވާސިޓީ ހިންގުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އާއިޝަތު ޚަލީލާއަކީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ބޭކަނބަލެކެވެ.

އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްފަހު އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޗާންސެލަރުކަމަށް އައްޔަނުކުރެއްވީ ޑރ. މުހައްމަދު ޒާހިރު ހުސައިންއެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ޝަހީމް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް އައްޔަނު ކުރެއްވީ ޑރ. ޒާހިރު ހުސައިން އެޑިއުކޭޝަން މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކުރެއްވުމަށް ފަހުއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ވައިސް ޗާންސެލަރަކީ ޔުނިވާސިޓީގެ މަޖިލީހުން ނިންމާ އުސޫލުތަކާ އެއްގޮތަށް ޔުނިވާސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާއެވެ.

ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އިސްލާމިކް ޔުނިވާސިޓީގެ ބިލް ޑްރާފްޓު ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ކޮމެޓީ ޗެއާކުރައްވާފައި ވަނީ ވެސް ޑރ. ޝަހީމެވެ.