09 Jul 2018, 16:41
އިޖްތިމާއީ ދިރާސާ އެއް ކުރުމަށް ޔުނައިޑެޓް ނޭޝަންސް ޗިލްޑްރެން ފަންޑްސް (ޔުނިސެފް) އާއި ގައުމީ ޔުނިވާސިޓީ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ ރިޕްރެސެންޓޭޓިވެ ޓު މޯލްޑިވްސް މުހައްމަދު އަލް މުނީރެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިސެފްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މުހައްމަދު އަލް މުނީރު ވިދާޅުވީ އެމްއެންޔޫ އަކީ މާ ކުރީގެ ވެސް ޕާޓްނާޝިޕެއް ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ ބައްޔާއި އިންފެކްޝަން ޖެހި އެކަމުގެ ސަބަބުން އާންމުން މަރުވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް---
"އެކަންތައްތައް މަދުކުރުމަށް ހެދިފައި ހުރީ މަދު މެޑިކަލް ރިސާޗްތަކެއް. ގިނަ ދިރާސާތަކެއްކޮށް އެފަދަ ބަލިތައް ކޮންޓްރޯލް ކުރަން ޖެހޭ. ޔަގީންކަން ދެން މި ދިރާސާގެ ސަބަބުން ގިނަ ބަޔަކު ހޭލުންތެރިވާނެ،" އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ފަވާޒް ވިދާޅުވީ ޔުނިސެފް އަކީ އެކި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެހީތެރިވާ ޖަމިއްޔާ އެއް ކަމަށެވެ.
ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ޔުނިސެފް އަކީ އަބަދު ވެސް އެކި ގައުމުތަކަށް އެހީތެރިވާ ބައެއް. އުންމީދަކީ މި ހަދާ ދިރާސާ ކާމިޔާބުވާނެ ކަމަށް. މި ކަމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާނެ."