އިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކުން އިންތިޚާބަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތައް ހިންގުމަށް ބްރޯޑްކާސްޓަރުން ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނާ އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހަކީ އިންތިޚާބާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އިސްލާހެކެވެ. މި އިސްލާހުގައި މައިގަނޑުގޮތެއްގައި ހިމެނެނީ އިންތިޚާބާ ބެހޭ ގޮތުން ސުޕްރީމުކޯޓުން އެކުލަވައިލި ގައިޑްލައިންތަކުގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ މާއްދާތަކެވެ. އެއީ ޖުމްލަ 32 އިސްލާހެކެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި މީގެ ކުރިން ބުނެފައިވަނީ އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓަކަށް ވަކިވަކި ކެންޑިޑޭޓުންނަށް ދޭ ވަގުތަށްވުރެ 10 ޕަސެންޓް އިތުރު ނުވާ ގޮތަށް ވަގުތު ދެވިދާނެ ކަމަށެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާއެކު ކެެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ވަގުތު ދޭންޖެހެނީ ހަމަހަމަ ކަމާއެކު އެވެ.

އަދި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ބްރޮޑުކާސްޓަރުން މި މާއްދާއަށް އަމަލު ކުރޭތޯ ބެލުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މާއްދާ އާ ޚިލާފުވާ ފަރާތްތަކާ ގުޅިގެން ފަސޭހައިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ. އަދި އެފަދަ އިންތިޒާމެއް، ގާނޫނު ތަސްދީގު ކުރާތާ އެއްމަސް ތެރޭ ބްރޯޑުކާސްޓިން ކޮމިޝަނުން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

އަދި މި ޝަކުވާތައް ބަލައި ނިންމުމަށްފަހު ބްރޮޑުކޮމް އިން ކަމާ ބެހޭ ރިޕޯޓެއް އެކުލަވާލަން ޖެހޭނެ ކަމަށާއި އަދި އެ ރިޕޯޓާއި ގުޅިގެން އިންތިޚާބާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ތަޙްޤީޤުކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަޙްޤީޤުކޮށް، މައްސަލަ ޕީޖީއަށް ފޮނުވުމުގެ އިޚްތިޔާރުވެސް އީސީ އަށް ލިބިގެންވާކަމަށް ގާނޫނަށް ގެނައި އިސްލާހުގައިބުނެފައި ވެއެވެ. އަދި އެ މާއްދާ އާ ޚިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ބްރޯޑުކޮމް އަށް ލިބިގެންވާކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ އެންމެހައި ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން ރިޕޯޓުކުރުމަކީ އިންތިޚާބާ ބެހޭ އާންމު ޤާނޫނުގެ ދަށުން ކެނޑިޑޭޓަށާއި އަދި އެ ކެނޑިޑޭޓްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ކެންޑިޑޭޓްގެ އަމިއްލަ ފައިސާއިން އިންތިޚާބާ ގުޅިގެން ޚަރަދުކުރާ ފައިސާގެ ތަފްޞީލާއި ފައިސާ ފިޔަވައި ކެންޑިޑޭޓްގެ އަމިއްލަ ތަކެތިން އިންތިޚާބާ ގުޅިގެން ބޭނުންކުރާ ތަކެތީގެ ތަފްޞީލު އަދި އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީން ނުވަތަ ތިންވަނަ ފަރާތަކުން ލިބޭ އެންމެހައި މާލީ އެހީއާއި އެނޫންވެސް ތަކެތީގެ ތަފްޞީލު ބެލެހެއްތުން ކެނޑިޑޭޓުގެ މައްޗަށާއި ކެނޑިޑޭޓުގެ އެޖެންޓުގެ މައްޗަށް ގާނޫނުން ވަނީ ލާޒިމް ކޮށްފައެވެ.

މި ލިޔެކިޔުންތައް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ނިޔަލަށް ބަލަހައްޓަން ޖެހޭނެ ކަމަށާއި އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އީސީ އިން އެދިއްޖެނަމަ އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.