09 Jul 2018, 17:03
ކްރޮއޭޝިއާއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީވެސް ހުއްޓުވިކަމަކާއި، އެޓީމަށް އިންގްލެންޑް ފޯވަޑް ހެރީ ކޭންވެސް ހުއްޓުވޭނެ ކަމަށް ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފިއެވެ.
ޑާލިޗްއާއެކު ވޯލްޑް ކަޕްގައި ތަފާތު ކުޅުމެއް ދައްކަމުންދާ ކްރޮއޭޝިއާއަށް ބުދަ ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލަކީ ތާރީހީ ސެމީ ފައިނަލެކެވެ. އެ ސެމީ ފައިނަލް ވެގެންދާނީ 1998 ވަނަ އަހަރަށްފަހު ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ސެމީ ކުޅޭ ފުރަތަމަ ފަހަރަށެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރަށްފަހު ކްރޮއޭޝިއާއިން ކުޅުނު ހަތަރު ވޯލްޑް ކަޕްގެ ތެރެއިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައިވެފައިނުވާ އިރު، އަނެއް ދެ ވޯލްޑް ކަޕުން ކްރޮއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ފަސޭހަކަމާއެކު އާޖެންޓީނާވެސް ބަލިކޮށް، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16އަށް ދިޔަ އިރު، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލަށް ދިއުމަށް ކްރޮއޭޝިއާއަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ އިންގްލެންޑެވެ.
"އިންގްލެންޑް ދެކެ ޖެހިލުމެއް ނުވޭ. އަހަރެމެންނަށް އެނގޭ ކްރޮއޭޝިއާގެ ވަރުގަދަކަން. އިންގްލެންޑްވެސް ވަރުގަދަކަން ދަންނާނަން،" އިންގްލެންޑް މެޗާ ގުޅިގެން ޑާލިޗް ބުންޏެވެ.
ޑާލިޗް ބުނީ ކޭންއަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިފައިވާ ކުޅުންތެރިޔާ ކަމަށާއި، އޭނާ ހުއްޓުވަން އުނދަގޫވާނެ ކަމަށެވެ. ކޭން ވަނީ މިހާތަނަށް މުބާރާތުގައި ހަ ގޯލް ޖަހައިފައެވެ.
"ކޭން އަކީ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ. އޭނާ ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު ކްރޮއޭޝިއާގައި ވަރުގަދަ ޑިފެންޑަރުން އެބަތިބި. އެ ޑިފެންޑަރުންނަށް ހިފެހެއްޓޭނެ ކޮންމެ ކުޅުންތެރިއެއްވެސް. މެސީއާއި ކްރިސްޓިއަން އެރިކްސަންވެސް ހިފެހެއްޓުނު. އެހެންވީމަ ކޭންވެސް ނުހިފެހެއްޓެންވި ސަބަބެއް ނެތް،" ޑާލިޗް ބުންޏެވެ.
ޑާލިޗް ބުނީ އިންގްލެންޑުން މުބާރާތުގައި މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަ ކަމަށާއި، ހާއްސަކޮށް އިންގްލެންޑްގެ ހަލުވި ފޯވަޑުންނަށް ސަމާލުވާން ޖެހޭ ކަމަށެވެ.
އިންގްލެންޑާ ކްރޮއޭޝިއާ ވާދަކުރާ ބުދަ ދުވަހުގެ ރޭ 11:00ގައެވެ.