09 Jul 2018, 13:28
ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓަށް ހުށެހެޅި ޝަކުވާތަކާ އެކު އިސްލާހު ކުރި ލިސްޓު އާންމުކޮށްފައި ވާނި 1044 މީހުންގެ ނަން އުނިކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ ޝަކުވާތަކާ ގުޅިގެން ލިސްޓުން އުނިކުރި 734 ނަމަކީ އުމުރު ހަމަނުވާތީ އުނިކުރި ނަންތައް ކަމަށެވެ. އަދި މަރުވެފައިވާ 310 މީހެއްގެ ނަން ލިސްޓުން އުނި ކުރެވުނު ކަމަށާއި ހަތަރު ނަމެއް ލިސްޓަށް އިތުރު ކުރެވުނު ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެންމެ ފުރަތަމަ އާންމުކޮށްފައި ވަނީ 263،000 މީހުންގެ ނަމާއެކު އެވެ.
އެ ލިސްޓަށް ގެނައި އިސްލާހުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 12 އާ ހަމައަށް އޮންނާނެ ކަމަށާއި ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީ އިން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރާއިރު ރާއްޖޭގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެ ވެސް ފުރިހަމަ ލިސްޓަކަށް ވާނެ ކަމަށެވެ.