09 Jul 2018, 13:46
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަޒުހާން ފަހުމީ ހުށަހެޅުއްވި އި ބިލު ބަލައިގަންނަން މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ 33 މެމްބަރުންނެވެ.
މިއަދު އިބްތިދާއީ ބަހުސަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައެއް ނުވެ އެވެ.
އެ ބިލުގައި ވަނީ އެ ބިލް މަޖިލީހުން ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލު ކުރުމަށާއި ކަރެކްޝަނަލް ސާވިސް މިހާރު ވެސް އޮންނަ ގޮތަށް، ނޭޝަނަލް ޕްރިޒަންސް ސާވިސްއަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމް އެޅި އޮފިސަަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި ހަމަޖެއްސުމަށެވެ.
މީގެ އިތުރުން ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އިތުރު މާއްދާތަކަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އެގޮތުން ޕްރިޒަންސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އެކަމަކު ޝަރަފްގެ ނިޝާން ދޭނީ މިހާރު ވެސް އޮންނަ ގޮތަށް މިނިސްޓަރު ކަމަށް އެ އިސްލާހުގައިވެ އެވެ.
މިހާރު އެ ގާނޫނު އޮންނަ ގޮތުން ކަރެޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވެނީ މިނިސްޓަރަށެވެ.
ޕެރޯލްގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.