09 Jul 2018, 13:42
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އަމީން އާންމުގެ މަގާމަށް މަޖިލީހުގެ އަމީން އާންމުގެ ނައިބު ފާތިމަތު ނިއުޝާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ނިއުޝާ އަމީން އާންމަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވަނީ 33 މެމްބަރުންނެވެ.
މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ދެ ބޭފުޅަކު ކުރިމަތި ލެއްވި އެވެ. އަދި ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތި ލެއްވީ ހަމަ އެކަނި ނިއުޝާ އެވެ.
ނިއުޝާއަކީ މަޖިލީހުގެ ލީގަލް ކައުންސިލުގެ މަގާމު ހަތަރު އަހަރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު ގެންދަވަނީ އަދާ ކުރައްވަމުންނެވެ.
އަމީން އާންމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،000 ރުފިޔާ އެވެ. އޭގެ އިތުރުން ލިވިންގް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭ އިރު، ފޯނު އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ލިބެ އެވެ.
އަމީން އާންމުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވުމާއި އަދި އުމުރުން 25 އަހަރުވެފައިވުން ހިމެނެ އެވެ.
އަމީން އާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހެއްޓުމުގެ އިތުރުން އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަމީން އާންމު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާދެއްވީ މިދިއަ ފެބުރުއަރީ މަހު އެވެ.