އޮފީސް ބައިތަކާ އެކު ޒިކުރާ މިސްކިތް 10 ބުރިއަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލު ކުރީ ވަރަށް ގިނަ ބައެއްގެ ޕުރޮޕޯސަލްތައް ބެލުމަށް ފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ 10 ބުރިއަށް ކަމަށާއި ފުރަތަމަ ތިން ބުރިއަކީ މިސްކިތް ކަމަށެވެ. އަދި ބާކީ ހަތް ބުރި އަކީ އޮފީސް އިމާރާތް ކަމަށެވެ.

އެ ޕްރޮޖެކްޓަށް ޖުމްލަ 130 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ހަރަދުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އަނެއް 100 މިލިއަން ރުފިޔާ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތް އިމާރާ ކުރުމަށް ދީފައި ވަނީ 25 މަސް ދުވަހެވެ.

އެ މިސްކިތުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ވަނީ 451.8 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.