09 Jul 2018, 10:55
ސައޮ ޕައުލޯ (ޖުލައި 9): ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑި ސިލްވާ ދޫކޮށްލަން އެގައުމުގެ ފަނޑިޔާރަކު އިއްޔެ ކުރެއްވި އަމުރު އެހެން ފަނޑިޔާރަކު ބާތިލު ކުރައްވައިފިއެވެ.
ލޫލާ ދޫކޮށްލުމަށް އިއްޔެ އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު ރޮގެރިއޯ ފަވްރެޓޯ ކުއްލި ގޮތަކަށް އަމުރު ކުރެއްވީ ލޫލާއަށް ތާއިދު ކުރާ ފަރާތްތަކުން ހުކުރު ދުވަހު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފަވްރެޓޯ ވަނީ މީގެ ކުރިން ލޫލާގެ ވެރިކަމުގައި އެގައުމުގެ ޖަސްޓިސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް ލޫލާގެ މައްސަލަ ބެއްލެވި ފަނޑިޔާރު ސާޖިއޯ މޯރޯ ވަނީ އެފަދަ އަމުރެއް ނެރުމުގެ ހައިސިއްޔަތެއް ފަނޑިޔާރު ފަވްރެޓޯއަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އިސްތިއުނާފު ކޯޓުގެ އެހެން ފަނޑިޔާރެއް ކަމަށްވާ ޖޮއައޯ ޕެޑްރޯ ގެބްރަން ނީޓޯ ވަނީ ފަވްރެޓޯގެ އަމުރު ބާތިލުކުރައްވައި، އެ އަމުރަށް ތަބާނުވުމަށް ފުލުހުންނަށް އަންގަވާފައެވެ.
ލޫލާ 12 އަހަރަށް ޖަލަށް ލާފައި ވަނީ "އޮޕަރޭޝަން ކާ ވޮޝް"ގެ ނަމުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެންނެވެ. އަދި ލޫލާ ވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯއޭއެސްއިން ރިޝްވަތުގެ ގޮތުގައި ދިން އެޕާޓްމެންޓެއް ގަބޫލުކުރައްވާފައި ކަމަށް ކޯޓުގައި ވަނީ ސާބިތުވެފައެވެ.
ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފައި އެވެ. އަދި އެއީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.
ލޫލާއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން އެ ގައުމުގެ އިލެކްޓޯރަލް ކޯޓުން ނިންމާނީ އަންނަ މަހުގައެވެ.
ލޫލާ ވަނީ މީގެ ކުރިން 2003 އިން 2011 އަށް ބްރެޒިލްގެ ވެރިކަން ކުރައްވާފައެވެ. އަދި އެގައުމުގެ ގިނަ އަދަދެއްގެ މީހުން އޭނާއަށް އަދިވެސް ތާއީދު ކުރެއެވެ.
(އަލްޖަޒީރާ)