ލޯކަލް ކައުންސިލްތަކުން ގޮނޑި އެއް ހުސްވެއްޖެނަމަ، ހުސްވާ ވަގުތުން ފެށިގެން އިލެކްޝަން ކޮމިޝަނަށް އެންގަންގަންޖެހޭ މައުލޫމާތުތަކުގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަނުން ނެރެފި އެވެ.

އިލެކްޝަނުން މިއަދު ނެރެފައިވާ ސާކިއުލައެއްގައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުން ގޮނޑިއެއް ހުސްވެއްޖެނަމަ އެއްވެސް ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ، ހުސްވިކަން ބަޔާންކޮށް އެކަމާ ގުޅޭ ތަކެތީގެ އޮރިޖިނަލް ނުވަތަ ކޮޕީ ލަސްނުކޮށް ކޮމިޝަނަށް ފޮނުވަން ޖެހޭނެ އެވެ. ލިޔުންތައް ފޮނުވާއިރު ގާނޫނީ ގޮތުން ލިޔުންތައް ސެޓިފައިކުރުމުގެ ހުއްދަ އޮތް ފަރާތަކުން ސެޓިފައި ކޮށްފައިވާ ކޮޕީ ފޮނުވަންޖެހޭނެ ކަމަށް ވެސް ކޮމިޝަންގެ ސާކިއުލާގައި ވެއެވެ.

ކޮމިޝަނުން ބުނީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަކަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބައި އިލެކްޝަން އިޢުލާންކުރުމުގެ ކުރިން އެކަން ކަށަވަރު ކުރުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށް ހައިކޯޓުން އިލެކްޝަންގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

ސާކިއުލާ ބުނާ ގޮތުން ކައުންސިލެއްގެ މެންބަރަކު އިސްތިއުފާދީފިނަމަ އިސްތިއުފާދިން ކަމުގެ ލިޔުމާއި ކައުންސިލް މެމްބަރަކު ކައުންސިލްގެ ނިންމުމާއި ގުޅިގެން ވަކިވެފައިވާނަމަ ލާމަރުކަޒީ ގާނޫނާ ތައާރުޒުނުވާ ގޮތަށް، އެ ގާނޫނުގެ 111 މާއްދާގެ ދަށުން ކައުންސިލްގެ ޖަލްސާތައް ބޭއްވުމާބެހޭ އިޖުރާއީ ގަވާއިދެއް ކައުންސިލުން ހަދާފައިވާނަމަ އެ ގަވާއިދަކާ ތައާރަޒުނުވާގޮތަށް ފާސްކޮށްފައިވާ ކައުންސިލްގެ ގަވާއިދެއް ވެސް ފޮނުވަންޖެހޭނެ އެވެ.

އަދި ކަމާގުޅޭ ކައުންސިލްގެ ޔައުމިއްޔާތަކާއި ހާޒިރީ ރިޕޯޓުގެ އިތުރުން އެ ޖަލްސާތަކާ ގުޅިގެން މެމްބަރުންނަށް ފޮނުވާފައި ހުރި އެޖެންޑާތައް ނުވަތަ ޖަލްސާއަށް ދަންނަވާފައިވާ ލިޔުންތައް ވެސް ހިމަނަން ޖެހެ އެވެ. ކޯޓުގެ ހުކުމަކާ ގުޅިގެން މެމްބަރުކަމުން ވަކިވެފައިވާނަމަ އެ ހުކުމުގައި ހިމެނޭ ރަސްމީ ލިޔުން ފޮނުވަންވެސް އިލެކްޝަންގެ ސަކިއުލާގައި ވެއެވެ.

މިހާތަނަށް އިލެކްޝަނުން ބައި އިލެކްޝަނެއް ބެއްވުމަށް މަސައްކަތް ކޮށްފައިވަނީ ބ. އަތޮޅު ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ މެންބަރު އުމައިރާ އަބޫބަކުރު ކައުންސިލްގެ ހަތް ޖަލްސާއަކަށް ޖެހިޖެހިގެން ހާޒިރުވެ ވަޑައި ނުގަންނަވާ ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމާ ގުޅިގެން ނެވެ. ނަމަވެސް އެ ރަށުގައި ބައި- އިލެކްޝަނެއް ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށާފައި ވަނިކޮށް، އެ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ތުޅާދޫގެ ބައި އިލެކްޝަންސް ބާތިލްކޮށްފަ އެވެ.