މަޖިލީހުގެ ޖަލްސާއެއް ފަށަން ބޭނުންވާ ވަރަށް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

މިއަދު ނުވައެއް ޖަހާއިރަށް ތާވަލުކުރި ޖަލްސާއަށް ގަޑިޖެހުނު ިއރު ހާޒިރުވެ ތިބީ 21 މެމްބަރުންނެވެ. ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޖުމްލަ އަދަދުގެ 25 ޕަސެންޓް މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ތިބި ނަމައެވެ.

މެމްބަރުން ހަމަވޭތޯ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ބައި ގަޑިއިރެއްހާއިރު މަޖިލީހުގެ ޗެމްބާގައި މަަޑުކުރައްވާފައެވެ. އެއަށް ފަހު 11 ޖަހާއިރު ޖަލްސާ ފަށަން ނިންމަވައި މަޖިލިސް ޗެމްބަރު ދޫކުރައްވާ ވަނީ ވަޑައިގެންފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތި ލައްވާފައިވަނީ އެންމެ ފަރާތެކެވެ. އެއީ މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާއެވެ.