09 Jul 2018, 10:45
އަޒުމު ގުޑުވާ ނުލެވޭނެ ކަމަށާއި ރިޔާސީ އިންތިހާބު ޕީޕީއެމަށް ތަނަވަސް އަޣުލަބިއްޔަތުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އަޒުމަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ދަމަހައްޓައި އިގްތިސާދު ވަރުގަދަކޮށް ޒުވާނުންނަށް ފަހި ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
އަދި މުސްތަގުބަލުގެ ޖީލުތަަށް ޓަކައި ރާއްޖޭގައި ދިވެހިވަންތަ މުސްތަގިއްލު ހަޟާރަތެއް ގާއިމް ކުރުމަކީ ބޭނުންވާ ގޮތް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑުގެ އަޒުމު ގުޑުވައެއް ނުލެވޭނެ އިންޝާ ﷲ. މި އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މިސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަހީމަށް ދީނީ އިލްމުވެރިންތަކެއް ތާއީދުކޮށް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް މުހައްމަދު ނަޝީދު އާދަމް، ޝެއިހް މުހައްމަދު ލަތީފް، ޝެއިހް އިއްޒުއްދީން އަދުނާން، ޝެއިހް މުހައްމަދު ދީދީ، ޝެއިހް އަހްމަދު ޝަފީގް، ޑރ. ގުބާދު އަބޫބަކުރު، ޝެއިހް ނަސުރުﷲ އަލީ، ޝެއިހް ހައިޝަމް މުހައްމަދު، ޝެއިހް އަލީ ރިޟާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސަދުﷲ ޝާފިއީ ވިދާޅުވީ އިލްމްވެރިން ހިމެނޭ ގޮތަށް ރައީސް ޔާމީނަށް ތާއިދުކުރަން ނިންމީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ދީނީ އިލްމީ ރޮނގުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޑރ. ޝަހީމް ހަމަޖެއްސެވުމުން ކަމަށެވެ. އެއީ އިލްމްވެރިންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަސަދުﷲ ޝާފިއީ ވިދާޅުވީ އެކަމުން އެނގިގެން ދިޔައީ ރައީސް ޔާމީން އިލްމްވެރިންނަށް ފުރުޞަތުދޭން ބޭނުންވާ މިންވަރު ކަމަށެވެ.
ޑރ. ޝަހީމް ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމަށް އަތުވެއްޖެނަމަ އެކަމުގެ ހެޔޮ އަސަރު އިލްމްވެރިންނަށް ކުރާނެ ކަމަށާއި އަދި ގައުމުގެ ކަންކަން ނިންމުމުގައި ދީނީ އިލްމްވެރިންގެ ބައިވެރިވުން ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.