ބޭންކޮކް(ޖުލައި 9): މިދިޔަ މަހުގެ 23ގައި ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ކުދިން ހޮހޮޅައިން ނެރުމަށްޓަކައި ބޭނުން ކުރެވިދާނެ 'ކުޑަ ސަބްމެރިން'އެއް، ސްޕޭސް އެކްސް އާއި ޓެސްލާ ސީއީއޯ އީލަން މަސްކް، ތައިލޭންޑަށް ފޮނުވައިފިއެވެ.

މަސްކް އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެ 'އެސްކޭޕް ޕޮޑް' ގާތްގަނޑަކަށް 17 ގަޑި އިރު ތެރޭ ތައިލޭންޑަށް ފޯރާނެއެވެ. އަދި އެ ސަބްމެރިން މިފަހަރު ބޭނުން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަމަވެސް ބޭނުން ނުކުރެވިއްޖެ ނަމަ، މުސްތަގުބަލުގައި ބޭނުން ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްކުގެ ޓުވީޓުގައިވާ ގޮތުން އެ މިނީ ސަބްމެރިން ހަދާފައި ވަނީ ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓަކަށް ހާއްސަކޮށްފައިވާ ޓިއުބަކުންނެވެ. އަދި އޭގައި ހަތަރު އޮކްސިޖެން ޕޯޓާއި، ތަނެއްގައި ޖެހުމުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ނޯސްކޯންއެއް ހިމެނޭ ކަމަށް އެޓުވީޓުތަކުގައިވެ އެވެ.

އަދި ތަމް ލުއަންގް ހޮހޮޅައިގެ ބައެއް ސަރަހައްދުތަކަކީ ވަރަށް ކުޑަ ސަރަހައްދުތައް ކަމުން، އެފަދަ ކުޑަ ދޭތެރެތަކުންވެސް ސަބްމެރިން ގެންދެވޭނެ ކަމަށާއި، އޭގެ ފުޅާ މިނުގައި ހުންނަނީ 31 ސެންޓިމީޓަރު ކަމަށް މަސްކް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވަނީ އެސަބްމެރިން ޓެސްޓު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މަސްކް އެފަދައިން ވިދާޅުވެފައި ވަނީ ރޭ ހޮހޮޅައިގައި ތިބި ހަތަރު ކުއްޖަކު ސަލާމަތްކޮށްފައި ވަނިކޮށެވެ. އެކުދިންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް މެދުކަނޑާލީ ވައިފުޅިތައް ހުސްވެ، ޑައިވަރުން އަނެއްކާވެސް ތައްޔާރު ވުމަށް ވަގުތު ބޭނުންވާތީއެވެ. އެމަސައްކަތް މިއަދުގެ ވަގުތެއްގައި އަނެއްކާވެސް ފަށާނެ އެވެ.