09 Jul 2018, 09:54
ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އަނެއްކާވެސް ޗައިނީސް ސުޕަލީގުގެ ގުއާންޒޯ އެވާގްރޭންޑަށް ދިއުމަށް ނިންމައިފިއެވެ.
ކުރިންވެސް 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ޗައިނާގެ ގުއާންޒޯ އެވާގްރޭންޑްގައި ހޭދަކުރި ޕައުލީނިއޯ، ސްޕެއިންގެ ބާސެލޯނާއާ ގުޅުނީ ނިމިދިޔަ ސީޒަނަށެވެ. އޭނާ ވަނީ މި ސީޒަންގައި ބާސާއަށް މޮޅު ކުޅުމެއް ދައްކައި ޓީމާއެކު ލަލީގާ އަދި ސްޕެނިޝް ކަޕްވެސް އުފުލާލައިފައެވެ.
ބާސާއަށް ބަދަލުވިތާ އަހަރެއްވެސް ނުވެ ޕައުލީނިއޯ އަނެއްކާ ޗައިނީސް ސުޕަލީގަށް ދިއުމަށް ނިންމާފައިވާ އިރު، މިފަހަރު އޭނާ ބަދަލުވީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމުގެ ދަށުންނެވެ.
މި ސީޒަންގައި ބާސާއަށް 49 މެޗު ކުޅެ ނުވަ ގޯލްވެސް ޖެހި ޕައުލީނިއޯއަކީ މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލްގެ ސްކޮޑުގައިވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.
ޕައުލީނިއޯ އަނބުރާ ކްލަބާ ގުޅުނުކަން ގުއާންޒޯ އެވަގްރޭންޑުން ޔަގީންކޮށްދީފައި ވަނީ އެޓީމުގެ ރަސްމީ ވެބްސައިޓުގައެވެ. ޕައުލީނިއޯ ކްލަބު ދޫކޮށްލިކަން ބާސާގެ ރަސްމީ ޓްވިޓާ އެކައުންޓްގައިވެސް ވަނީ ޔަގީން ކޮށްދީފައެވެ.
ޗައިނީޒް ސުޕަލީގުގައި ޕައުލީނިއޯ ކުރިން ހޭދަކުރި ތިން އަހަރު ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ ޖެހިޖެހިގެން ދެފަހަރަށް ކްލަބާއެކު ލީގުވެސް ކާމިޔާބުކޮށްފައެވެ.