މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ބުނެ އެކުލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ އޭނާއަށް ތައުރީފު ކޮށްފިއެވެ.

މަންޗިނީ ގަބޫލު ކުރާ ގޮތުން ސިލްވާ ކުޅެމުންދަނީ ބާސެލޯނާގެ ދެތަރިން ކަމަށްވާ ޒަވީ އަދި އިނިއެސްޓާ އާ އެއް ފެންވަރުގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް ފުލުގައި ވިއްދައިގެން ލީގު ދެ ވަނައިގައި ސިޓީ އޮތް އިރު ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިލްވާއަކީ އެ މަގާމުގައި ސިޓީ އޮތުމަށް ބޮޑު ދައުރެއް އަދާކޮށްދީފައިވާ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދެ ވަނައިގައި ސިޓީއަށް އޮތީ ގޯލުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑަށް ކުރި ލިބޭތީ އެވެ. ޕޮއިންޓުގެ ގޮތުން ދެޓީމް ހަމަހަމަ އެވެ.

ވެލެންސިއާގައި ހުރުމަށް ފަހު ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ބަދަލު ނުވެ 2010 ވަނަ އަހަރު ސިލްވާ ސިޓީއާ ގުޅުމުން ސުވާލު އުފެދޭ ކަމަށް މަންޗިނީ ބުންޏެވެ. އެހެން ނަމަވެސް މެންސިޓީގެ ހުށަހެޅުން ސިލްވާ ބަލައިގަތުންމުން އުފާކުރާކަމަށް ވެސް ބުންޏެވެ.

"ސިލްވާ އަކީ މޮޅު ކުޅުންތެރިއެއް. އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އަހަރެންނަކަށް ނޭނގޭ ސްޕެއިންގެ ދެޓީމުންކުރެ ބާސާ ނުވަތަ ރެއާލް މެޑްރިޑަށް އޭނާ ނުދިޔައީ ކީއްވެކަމެއް. އަހަރެންނަށް ހީވަނީ އަހަރެމެންނަށް ސިލްވާ ލިބުނީ ނަސީބު ގަދަކަމުން ހެން." ކޯޗް މަންޗިނީ ބުންޏެވެ. "މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އާ ސިލްވާގެ ކުޅުން މާތަފާތުވާނެ. އެ ދެކުޅުންތެރިންނަކީ ގޯލާއި ރައްޓެހި ކުޅުންތެރިން. އެހެން ނަމަވެސް ސިލްވާއަކީ ޒަވީ އަދި އިނިއެސްޓާ އާ އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިއެއް."

މެންޗެސްޓާ ސިޓީ ކުޅުނު ހަތަރު މެޗުން ސިލްވާ ވަނީ ދެގޯލު ޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީވެ ދީފަ އެވެ.

ސިލްވާ ތައްޔާރުވެގެން ހުރީ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދެއްކުމަށެވެ. އިއްތިހާދު ސްޓޭޑިއަމްގައި މާދަމާރޭ 11:45 ގައި މެންޗެސްޓާ ސިޓީ ނުކުންނާނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ. މެންސިޓީ ހިމެނޭ ގްރޫޕް އޭގައި ހިމެނޭ އަނެއް ދެޓީމަކީ ޖަރުމަނުގެ ބެޔާން މިއުނިކާއި ސްޕެއިންގެ ވިލާރެއަލް އެވެ.