09 Jul 2018, 09:27
ބޮލީވުޑް އެކްޓަރު މިތުން ޗަކްރަބޯތީގެ ފިރިހެން ދަރި، މަހާކްޝޭ އާއި ދެކޮޅަށް ހުށަހަޅައިފައިވާ ރޭޕް މައްސަލައިގެ ތަހުގީގު ފެށުމުން، އޭނާގެ ކައިވެނި ހަފްލާ މެދުކެނޑި، ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ކައިވެނި ހަފްލާ ކުރިއަށް ދަނިކޮށް ފުލުހުންގެ ތަހުގީގު ޓީމުން ވަނީ މައްސަލަ އާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހަފްލާ ކުރިއަށް ދިޔަ ހޮޓަލަށް ގޮސްފަ އެވެ.
އެތަނަށް ފުލުހުން ދިއުމާއެކު ކައިވެނި ކެންސަލްކޮށް، އަންހެން ކުއްޖާގެ އާއިލާއިން ވަނީ ހަފްލާ ދޫކޮށް ގޮސްފަ އެވެ.
މަހާކްޝޭ އާދެކޮޅަށް އަންހެނަކު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކައިވެނި ކުރާނެ ކަމަށް ބުނެ ދޮގުހަދައިގެން މަހާކްޝޭ އޭނާއާ ގުޅުނު ކަމަށާއި އަދި ރޭޕްކޮށްފައިވާ ކަމަށެވެ.
އަދި އެ އަންހެން މީހާ ބަނޑުބޮޑުވުމުން އޮޅުވާލައިގެން ދަރިވައްޓާލަން ބޭސް ދިން ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.
މަހާކްޝޭގެ އިތުރުން ބިރުދެއްކުމުގެ މައްސަލައެއް މިތުންގެ އަނބިމީހާ ޔޮގީތާ ބާލީ އާދެކޮޅަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ނުފޫޒުގަދަ މީހުންގެ ފަރާތުން އިންޒާރުތައް ލިބެމުން އަންނަ ކަމަށް ބުނެ، އެ އަންހެން މީހާ މިހާރު ވަނީ މުމްބާއީ ދޫކޮށް ދިއްލީއަށް ބަދަލުވެފަ އެވެ.
މަހާކްޝޭ ބޮލީވުޑަށް ނުކުތީީ 2008 ވަނަ އަހަރު ފިލްމު "ޖިމީ" އިންނެވެ. އެއަށް ފަހު އޭނާ ވަނީ "ހޯންޓެޑް 3ޑީ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.