ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން ނޫނެކޭ ބުނި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި މޯހަންލާލްގެ ކާމިޔާބު މަލަޔާލަމް ފިލްމު "ޕުލިމުރުގަން" އަސްލަކަށް ބަލައިގެން ބަންސާލީ ފިލްމެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އަދި ފިލްމުގެ ލީޑު ރޯލު ރިތިކަށް ހުށަހެޅި ކަމަށާއި ނަމަވެސް އެއްވެސް ސަބަބެއް ހާމަކުރުމެއް ނެތި ރިތިކް ބަންސާލީއަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރިތިކް މިވަނީ ޓުވީޓެއް މެދުވެރިކޮށް ރިޕޯޓުތައް ދޮގުކޮށްފައެވެ. ރިތިކް ބުނީ އެއީ ދޮގު ޚަބަރު ފެތުރުން ނޫނީ މައުލޫމާތުގެ ކުށަކަށް ވެދާނެ ކަމަށެވެ.

"ޕުލީމުރުގަން" އަކީ މިނިކާ ޖަނަވާރުތަކެއްގެ ކިބައިން އިންސާނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

ނަމަވެސް ބަންސާލީ އުފައްދާ ފިލްމުގެ ވާހަކަ ތަފާތުވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ބަންސާލީ މިހާރު އަންނަނީ ފިލްމުގެ ކާސްޓު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.