09 Jul 2018, 10:02
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް ހަދަން ޝައުގުވެރިވާ ކަމަށް ކާމިޔާބު ޑައިރެކްޓަރު ވިނޯދް ތިވާރީ ބުނެފިއެވެ.
ވިނޯދު ބުނީ ގިނަ ތަރިންގެ ހަޔާތުގެ މައްޗަށް ޑައިރެކްޓަރުން ފިލްމު ހަދާ ކަމަށާއި "ހާއްސަކޮށް ސަންޖޫ ބަލާފައި ކަޕިލްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ޝައުގުވެރިވީ،" ކަމަށެވެ.
ވިނޯދު ބުނީ ކަޕިލްގެ ފިލްމެއް ހަދާނަމަ އެ ފިލްމުގެ ފިރިހެން ލީޑަށް ބޭނުންވަނީ ކަޕިލް ކަމަށެވެ.
"ފުރަތަމަވެސް ވެސް ކަޕިލްއަށް ހުށަހެޅުން ހުށަހަޅައި، އޭނާ އެއްބަސްވޭތޯ ބަލާނީ. އެއްބަސްނުވާ ކަމަށް ވާނަމަ ދެން ބަލާނީ ކްރިޝްނާ އަބީޝޭކް އަތުލެވޭތޯ،" ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިނޯދު ބުންޏެވެ.
ކަޕިލް އާންމުންގެ މެދުގައި މަޝްހޫރުވެގެން ދިޔައީ އިންޑިއާ ޗެނަލް ސޮނީއިން ގެނެސް ދިން "ކޮމެޑީ ސާކަސް" އިންނެވެ.
ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ސަންޖޫ" މިހާރު އަންނަނީ ސްކްރީންތަކުގައި ދައްކަމުންނެވެ. ރަންބީރު ކަޕޫރު ލީޑުން ފެނިގެންދާ އެ ފިލްމަށް 200 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ވަނީ ލިބިފައެވެ. އެ ފިލްމަކީ ރަންބީރުގެ ފިލްމަކަށް 200 ކުރޯޑު ލިބުނު ފުރަތަމަ ފިލްމުވެސް މެއެވެ.