ލަވަކިޔުންތެރިޔާ ޑްރޭކްގެ އާ އަލްބަމް "ސްކޯޕިއަން" ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭ އެއް ބިލިއަން ފަހަރު ސްޓްރީމުކޮށްފައިވާކަމަށް ޑްރޭކްގެ ރިކޯޑިން ލޭބަލް ރިޕަބްލިކް ރިކޯޑްސް އިން ބުނެފިއެވެ.

ބިލަބޯޑް އިން ބުނީ ސްކޯޕިއަން އިން ވަނީ އެމެރިކާގެ ސްޓްރީމިން ރިކޯޑުވެސް މުގުރާލާފައި ކަމަށެވެ. އެގޮތުން ޕޯސްޓް މެންލޯންގެ ބިއަބޮންގް ބެންޓްލޭސްގެ އަތުގައި އޮތް 431 މިލިއަން ސްޓްރީމުގެ ރިކޯދު ޑރޭކްގެ ސްކޯޕިއަން ވަނީ މުގުރާލައިފައެވެ.

މީގެ އިތުރުން ސްޕޮޓިފައި، އެމެޒޯން މިއުޒިކް އަދި އެޕަލް ޕްލޭގެ ސްޓްރީމިން ރިކޯޑުވެސް ސްކޯޕިއަން އިން ވަނީ މުގުރާލައިފައެވެ.

މިއަހަރު މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އަލްބަމްގެ ޝަރަފު ސްކޯޕިއަން އިން ހޯދާފައިވާއިރު އެމެރިކާގައި އެކަނި އެ އަލްބަމުގެ 732،000 ކޮޕީ ވަނީ ވިކިފައެވެ.

ޑްރޭކްގެ "މޯ ލައިފް" ވެސް ވަނީ ގްލޯބަލް ސްޓްރީމިން ރިކޯޑު ހަދައިފައެވެ. އެގޮތުން އެ އަލްބަމު ރިލީޒްކުރި ހަފްތާ ގްލޯބަލް ސްޓްރީމިން ވަނީ 600 މިލިއަނަށް އަރައިފައެވެ.