13 Sep 2011, 12:59
ލީގުގެ ފުރަތަމަ ދެ ބުރު ނިންމާލި އިރުވެސް އެންމެ ކުރީގައި އޮތް ވީބީ، ތިން ވަނަ ބުރުގައި ރޭ މާޒިޔާއަތުން 2-0 ލަނޑުން ބަލިވެއްޖެ އެވެ.
މެޗްގެ ދެ ވަނަ ހާފުގައި މާޒިޔާގެ ޒުވާން ފޯވާޑް އަހުމަދު ރަޝީދު )އައްމަޑޭ( ވީބީ ކޮޅަށް ޖެހި ދެ ލަނޑާއެކު މެޗްގެ ފުރިހަމަ ވަގުތު ނިމުނީ ތިން ޕޮއިންޓާއެކު މާޒިޔާ މެޗް ކާމިޔާބު ކޮށް، ދަގަ ހަތަރަކުން ޖާގަ ކަށަވަރު ކޮށްގެންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ، އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވުނުއިރު، ދެ ވަނަ ހާފަށް ވީބީ ނުކުތީ ފުރަތަމަ ހާފަށް ވުރެ، ވަރުގަދަކޮށް، ޤައުމީ ފޯވަޑް އަލީ އަޝްފާގު )ދަގަނޑޭ( އާއި ޝަމްވީލް ގާސިމް (ބޮންޑާ) އާ އެކު އެވެ. އެހެންނަމަވެސް އިދިކޮޅު މާޒިޔާއިން މެޗްގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ 52 ވަނަ މިނިޓުގައި އައްމަޑޭ ވީބީ ކޮޅަށް ލަނޑެއްޖަހާ މާޒިޔާގެ ހިތްވަރު އާކޮށް ދިނުމެވެ. އަދި 66 ވަނަ މިނިޓުގައި އައްމަޑޭ ވަނީ މާޒިޔާއަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީ ގަދަހަތަރަކަށް ޓީމް ގެންދިއުމަށް ކުރާ މަސައްކަތަށް އުންމީދު ގެނެސްދީފަ އެވެ.
މެޗުގެ ބާކީ އޮތް ބައިގައި ވީބީން މާޒިޔާގެ ގޯލަށް ނުރައްކާކުރި ނަމަވެސް މާޒިޔާގެ ގޯލް ބަލަހައްޓަމުންދިޔަ ޒުވާން ގޯލްކީޕަރު މުހައްމަދު ޔަމާނާއި ޑިފެންޑަރުން މަސައްކަތުން ވީބީއަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. މެޗުގެ 81 ވަނަ މިނިޓުގައި މާޒިޔާގެ އުރުގުއޭ ފޯވަޑް ފެނާންޑޯ ހަވިއޭ ރަމިރޭޒް ޗަޕާރޯ އަށް ވީބީގެ އައްސަދު އަލީ )އަޑުބަރޭ( ކުރި ފައުލަކާ ގުޅިގެން ރެފްރީ އަހުމަދު އަފްސަހު ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު އަޑުބަރޭ އަށް ރަތްކާޑު ދައްކައިފަ އެވެ.
މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަޒިޔާ ވީބީ އަތުން މޮޅުވި ދެ ވަނަ ފަހަރުވެސް މެއެވެ. އެގޮތުން ވީބީ އަތުން މާޒިޔާ އެންމެ ފުރަތަމަ މޮޅުވެފައިވަނީ 2007 ވަނަ އަހަރު ދިވެހި ލީގުގަ އެވެ. އަދި މިއީ މިދިޔަ އަހަރު ބަލިނުވެ ލީގު އުފުލާލި ވީބީ ވޭތުވެދިޔަ ދެ އަހަރު ލީގުގައި ކުޅުނު 37 މެޗުގައި ބަލިވި ދެ ވަނަ މެޗެވެ.
ރޭގެ މެޗުން މޮޅުވެ، ތާވަލްގެ ހަތަރު ވަނަ ގައި 28 ޕޮއިންޓާއެކު މާޒިޔާ ގަދަ ހަތަރަކަށް އެރުމުން އެޓީމަށް ވަނީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޖާގަ ވެސް ކަށަވަރު ވެފައެވެ.
ލީގުގެ ފައިނަލް ބުރުގެ ކުޅުން މިހާރު ކުރިއަށްދާއިރު، މި ބުރުގައި ވާދަކުރާ ހަ ޓީމަށް ވެސް ބާކީ ދެން އޮތީ އެންމެ ތިން މެޗެވެ. އެގޮތުން މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން ކުލަބް ވެލެންސިޔާއަށް ގަދަހަތަރެއްގެ ފުރުސަތު ގެއްލިފައި ވާއިރު، އެޓީމް އޮތީ 16 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ ގައެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ވީބީ އަށް އަދިވެސް ފުރުސަތު ބޮޑެވެ. އެގޮތުން ވީބީ 38 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީއަށް ލިބިފައި ވަނީ 32 ޕޮއިންޓެވެ.