ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން" އަށް ވިދާޅުވީ މިރޭ 9:40 އެހައިކަންހާއިރު މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ގައިދީއެއް ކަމަށެވެ.

ލުގުމާނު ވިދާޅުވީ މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަ އެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 37 އަހަރުގެ ގދ. ތިނަދޫ، ސިލްވަ، ހަމްޒަތު އަހުމަދު ފަތުހީ ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓްރޯކެއް ޖެހި ހާލު ބޮޑު ވެގެން ހަމްޒަތު ބުރާސްފަތި ދުވަހުގެ ރޭ މާލެ ގެނެސް ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގައި ކަމަށެވެ. ހަމްޒަތު އޭޑީކޭއަށް ބަދަލުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށް ވެސް ލުގުމާން ވިދާޅުވިއެވެ.

މިއީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މި އަހަރު މަރުވި ފަސް ވަނަ ގައިދީއެވެ.