08 Jul 2018, 19:37
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންމޭޓަކަށް ކުރިމަތިލިލުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީން ހުޅުވާލަައިފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ރަނިން މޭޓަކަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައިތިބި، ޝަރުތުހަމަވާ ބޭފުޅުންނަށް ރަނިންމޭޓު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
ކުރިމަތިލާ ބޭފުުޅުންގެ މެދުގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ނަގާ ވޯޓަކުން ރަނިންމޭޓު ކަނޑައެޅިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިތުރު ސުވާލެއް ނުއުފައްދާވަރަށް ފުރިހަމަކޮށް، އެ ޕާޓިގެ ގަވާއިދުގެ ތެރެއިން ޕާޓީގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނެކަމަށެވެ.
ޖުމްހޫރީ ޕާޓީން މިހެން ކަނޑައަޅާފައިމިވަނީ އެ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރަނިން މޭޓަކަށް ހަމަޖައްސަން އުޅޭކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ ރަނިން މޭޓު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.