މިހާރު ކުރިއަށްދާ 20 ވަނަ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ކުޅުން ރޭވެސް ކުރިއަށް ދިޔައެވެ. ރޭ އޮތީ 15 އަހަރުން މަތީގެ ފިރިހެން އަދި އަންހެން ސިންގަލްސް މެޗް ތަކެވެ. މި ދެ އުމުރުފުރައިން މެޗްތައް ކާމިޔާބު ކުރި ކުޅުންތެރިން ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ރޭ ކުޅުނު 15 އަހަރުން މަތީގެ ފިރިހެން ސިންގަލްސް މެޗްތައް ކާމިޔާބުކޮށް، މިބައިން ފައިނަލަށް ދަތުރުކުރީ ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ މޫސާ މުންސިފާއި ތަމޫހު އަހުމަދު ސައީދު )ތަމޫ( އެވެ. އެގޮތުން މުންސިފް ފައިނަލަށް ދަތުރުކުރީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މުހައްމަދު ޔާސިރު އަތުން 4-0 އިން މޮޅުވެގެނެވެ. އަދި ތަމޫ ފައިނަލަށް ދަތުރުކުރީ އިބްރާހިމް ލަތީފާ ވާދަކޮށް 4-1 އިން މޮޅުވެގެނެވެ.

ރޭ ކުޅުނު މި އުމުރުފުރާގެ އަންހެން ބައިގައި މޮޅުވެގެން ފައިނަލަށް ދަތުރުކުރީ ރާއްޖޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. މުއީނާ ފައިނަލަށް ދަތުރުކުރީ އައިމިނަތު ޝިއުރާ ޝަރީފްއާ ވާދަކޮށް 4-2 އިން މޮޅުވެގެންނެވެ. އަދި ޖުމާނާ ފައިނަލަށް ދިޔައީ އައިޝަތު ނިޝާ އަތުން 4-1 އިން މޮޅުވެގެންނެވެ.

މުބާރާތުގައި 15 އަހަރުން މަތީގެ ސިންގަލްސް ފައިނަލް މެޗުތަކާއި 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި 15 އަހަރުން މަތީގެ ފިރިހެން އަދި އަންހެން ސިންގަލްސް ފައިނަލް މެޗުތައް އޮންނަނީ މިރޭގަ އެވެ.