08 Jul 2018, 18:34
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ބ. ފެހެންދޫ ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއިންނެވެ.
މި މެޗަށް ނުކުތް އިރު، މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުން ގްރީނަށް ލިބިފައި އޮތީ ހަތަރު ޕޮއިންޓެވެ. ފެހެންދޫ އޮތީ ދެ މެޗުން ޕޮއިންޓެއް ހޯދައިފައެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި ބ. ފެހެންދޫ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދުގެ މެޗުގެ ފަސްވަނަ މިނެޓުގައި ފެހެންދޫގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ގްރީންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ފެހެންދޫގެ ހުސެއިން ޝުޖާއު ނަގައިދިން ހުރަސް، ހުސައިން އީމާން ކުރިއަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
އޭގެ ދެ މިނެޓް ފަހުން ފެހެންދުއަށް ވަނީ ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއްވެސް ލިބިފައެވެ. އެހެން ނަމަވެސް މުހައްމަދު އަރީފް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލްގެ މަތިންނެވެ. މިއަދުގެ މެޗަށް ފެހެންދޫން ނުކުތީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަހުމަދު ނިޒާމް (ނިޒާމްބެ) ފުރަތަމަ 11ގައި ނުހިމަނައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި އޭނާ ކުޅެން ނުކުތްކަން ވެސް ފާހަގަކުރެވުނެވެ.
މެޗުގެ ކުރީ ކޮޅުގައި ފެހެންދޫން ރަނގަޅަށް ކުޅުނު ނަމަވެސް ގްރީނުން ވަނީ ފަހުން ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް މެދު ތެރެއިން ގިނަ ޕާސްތައް ޖަހައި ގްރީނުން އެޓޭކް ކުރަން ފެށިއެވެ. އަހުމަދު ރިލުވާން (ރިލޭ)އަށް ލިބުނު ފުރުސަތުގެ އިތުރުން އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ ހެނާންޑޭ އަވީލާ ހޯޒޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ގްރީނުން ލީޑުވެސް ނެގިއެވެ. އަރިމަތިން އަލީ ނަސޫހު ރަޝީދު ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ އަވީލާއެވެ. އޭގެ ފަހުންވެސް ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ ގްރީންއެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަވީލާއަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުވެސް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ފެހެންދޫގެ ކީޕަރު އިބްރާހީމް ޒަޔާންއެވެ.
މެޗުގެ ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ފެހެންދޫއިންނެވެ. އެގޮތުން އެޓީމުން ވަނީ ކުރިއަށް ޖެހި ގްރީންގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. ގްރީންގެ އޭރިއާ ބޭރުން 62 ވަނަ މިނެޓުގައި ފެހެންދޫއަށް ލިބުނު ހިލޭ ޖެހުން އަބްރާހީމް މާޖިދު ވަރަށް ރީތިކޮށް ގޯލްގެ ކަނަށް އަމާޒުކޮށްލި ނަމަވެސް، އެ ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ބިދޭސީ ގޯލްކީޕަރު ސާގީ ސްމޮރޮދިންއެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި ބ. ފެހެންދޫ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގްރީނުން ރަނގަޅަށް ހާފް ފެށި ނަމަވެސް އަނެއްކާވެސް ގްރީނުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ކުރިއަށް ގިނަ ޕާސްތަކެއް ޖަހަން ފެށުމުގެ ނަތީޖާއަކަށްވީ ފެހެންދޫގެ ޑިފެންސަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިވުމެވެ. ގްރީންގެ ކުރިއަށް ކުޅުނު ބިދޭސީ ދެ ކުޅުންތެރިން ނުރައްކާ މެޗުގައި ފާހަގަ ކުރެވުނު އިރު، މެޗުގެ 72 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކުރިއެވެ.
ގްރީނަށް ލީޑު ފުޅާކޮށްދިނީ ރޮލެންޑް ރަސެލްގެ ގޯލުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ރިޒުހާން ނަގައިދިން ހުރަސް ފެހެންދޫގެ ޑިފެންޑަރެއް ގައިގައި ޖެހި ނުކުތް ނަމަވެސް، ރީބައުންސް ބޯޅަ ލިބުނީ ރަސެލްއަށެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ވާދަކުރާ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.