ތައިލޭންޑުގެ ޗިއަން ރައިގައި އޮންނަ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި 12 ކުދިންގެެ ތެރެއިން ދެކުއްޖަކު ސަލާމަތްކޮށްފިއެވެ.

އެ ހޮހޮޅައިގައި އެ ކުދިންގެ ކޯޗުވެސް ވެސް ވަނީ ތާށިވެފައެވެ.

ދެ ފިރިހެން ކުދިންވެސް ސަލާމަތްކޮށްފައިވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހާއްސަ ޑައިވަރުންގެ ޓީމަކުންނެވެ. ދެކުދިންވެސް ސަލާމަތްކޮށްފައިވަނީ ތައިލެންޑް ގަޑިން މިއަދު ހަވީރު 5:30 އާއި ހަވީދު 06:00 އާ ދެމެދުއެވެ.

ތައިލެންޑްގެ ނޫސްތަކާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޮސްޓުން ބުނީ އެ ދެކުދިން ސަލާމަތް ކުރިތާ ކުޑައިރުކޮޅެއް ތެރޭ އެ ހިސާބުގައި ކުރި ޗިއަންގް ރާއީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވި ގޮތުގައި ތައިލޭންޑު ގަޑިން 10:00 ގައި އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި ބައެއް ކުދިންނާއި އެކުދިންގެ ކޯޗު -- ފޮޓޯ: ފޭސްބުކް

އަދި އެކަމަށްޓަކައި ހޮހޮޅައިގެ ކައިރީގައި ތިބި މީހުން ވަނީ ދުރުކޮށްފައި ކަމަށާއި އެސަރަހައްދުގައި މިހާރު ތިބީ ޑައިވިން ޓީމުތަކާއި، ސިއްހީ ފަރުވާދޭ ފަރާތްތަކާއި ސަލާމަތީ ފައުޖުތައް ކަމަށް އޮސޮޓަނަކޯން ވިދާޅުވިއެވެ.

ތައިލޭންޑުގެ ފުލުހުން ކުރިން ބުނި ގޮތުގައި ހޮހޮޅައިން ފުރަތަމަ ސަލާމަތް ކުރާ ކުއްޖާ، ހޮހޮޅައިން ނެރެވޭނެ ކަމަށް ބެލެވެނީ އެގައުމުގެ ގަޑިން 21:00ގައެވެ. ނަމަވެސް ފުރަތަމަ ދެކުދިން ސަލާމަތްކުރެއްވީ ލަފާކުރި ވަރަށް ވުރެ ތިން ގަޑިއިރު ކުރިންނެވެ. ހުރިހާ ކުދިން ސަލާމަތް ކުރަން ތިނެއް ނުވަތަ ހަތަރު ދުވަސް ވަރު ނަގާފާނެ ކަމަށް އޮސޮޓަނަކޯން ވިދާޅުވިއެވެ.

ނަމަވެސް އެކުދިން ހޮހޮޅައިން ނެރެނީ ކިހިނެއް ކަމެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ތައިލޭންޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެކުދިން ސަލާމަތް ކުރެވޭނެ އެއް ގޮތަކީ އެކުދިންނަށް ޑައިވް ކުރަން ދަސްކޮށްދީގެން، ޑައިވްކޮށްގެން ހޮހޮޅަ ހުރަސް ކުރުމެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކުދިންނަކީ ފަތަން ނުދަންނަ ކުދިން ކަމުން އެއީ ނުރައްކާތެރި ކަމެކެވެ.

އަދި ދެވަނަ ގޮތަކީ އެކުދިންނަށް ހިނގާފައި ހޮހޮޅަ ހުރަސް ކުރެވޭ ވަރަށް ފެންގަނޑު ހިއްކުމެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހޮހޮޅައަށް ވަން ފަހުން ގެއްލުނު އެކުދިން ހޯދިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކުދިން ސަލާމަތް ކުރުމުގައި ބޭރުގެ 12 ޑައިވަރުންނާއި ތައި ނޭވީގެ ފަސް ޑައިވަރުން ބައިވެރިވެ އެވެ. (ބީބީސީ)