08 Jul 2018, 17:58
ރިލްވާން ގެއްލުވާލި މައްސަލާގައި އޭނާގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުނުން ނިންމައިފިއެވެ. އަދި މޫސާ ރިލްވާން ރާއްޖެއިން ބޭރުގައި ހުރުމުން ހެކިބަސް ނެގުމަށް ނިންމާފައިވަނީ ސްކައިޕް މެދުވެރިިކޮށެވެ.
މީގެ ކުރިން ދައުލަތުން ހުށަހެޅި ހެކިންގެ ލިސްޓްގައި މޫސާ ރިލްވާންގެ ނަން ނެތް ނަމަވެސް ފަހުން ވަނީ އޭނާގެ ނަން ހުށަހަޅާފައެވެ. ނަމަވެސް ހެކިބަސް ނަގަން ފަށާފަައިވާތީ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމެވީ ހުށަހަޅާފައިވާ ހުރިހާ ހެކީންގެ ހެކިބަސް ނެގުމަށްފަހު އެ މައްސަލާގައި ގޮތެއް ނިންމުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގަޒީ ވިދާޅުވީ އެ މައްސަލާގައި ރިލްވާންގެ ބޭބެގެ ހެކިބަސް ނެގުމަށް ނިންމާފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލަ އަކީ ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ކާރަކުން ފެނުމާ ގުޅުން ހުރި މައްސަލަ އެއް ކަމަށާއި އެހެން ކަމުން އެ މަންމަގެ ހުރިހާ ދަރިންގެ ހެކިބަސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގަޒީ ވަނީ ރިލްވާންގެ ބޭބެ ހުރި ތަނެއް ދައުލަތުގެ ވަކީލުންގެ ކިބައިން ސާފަކޮށްފައެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ރިލްވާންގެ ބޭބެ މޫސާ ރިލްވާން ދިރިއުޅެނީ ރާއްޖެ އިން ބޭރުގައި މެލޭޝިއާގައި ކަމަށެވެ.
ގާޒީ ވިދާޅުވީ މޫސާ ރިލްވާން ރައްޖެ ގެނައިސް ހެކިބަސް ނެގާނަމަ މައްސަލަ އިތުރަށް ދިގުލައިގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން މެލޭޝިއާގައި ހުންނަ އެމްބަސީ މެދުވެރިކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ކްރިމިނަލް ކޯޓުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އެ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި ސިއްރު ހެއްކެއްގެ ހެކިބަސް މީގެ ކުރިން ތިން ފަހަރަކު ނެގުމަށް މަސައްކަތް ކުރި ނަމަވެސް އޭނާގެ ފަރާތުން އެއްބާރު ނުލިބުމުގެ ސަބަބުން ޝަރީއަތަށް ހާޒިރު ނުކުރެވިފައިވާ ކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި ގާޒީ ވަނީ ހެކިބަސް ނުފޮރުވައި ހެކި ފާޅުކުރުމުގެ މުހިންމު ކަމާއި މެދު ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްލާމް ދީނުގައި އޮންނަނީ އެ މީހެއްގެ ލޮޮލަށް ފެނުނު ކަމެއް ސިއްރުނުކޮށް ފާޅުކުރުން ކަމަށް ގާޒީ ވިދާޅުވިއެވެ.
ސިއްރު ހެކެވެރިޔާ ހެކިބަސް ނުދޭނެ ކަން ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް އޭނާއަށް ގުޅުމުން ހެކިބަސް ނުދޭނެ ކަމަށް ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނުނެގުމަށް ގާޒީ ވަނީ ނިންމާފައެވެ.
އެމައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ސ. ހުޅުދޫ، އަތީރީގޭ މުހައްމަދު ސުއައިދު އާއި ހ. ހިލްޓަން އަހުމަދު އާލިފް ރައުފް އާއި ގދ. ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީނުގެ މައްޗަށެވެ.