ޓޯކިޔޯ (ޖުލައި 8): ޖަޕާނަށް ފާއިތުވި ތިން ދުވަސް ތެރޭ ރެކޯޑު މިންވަރަކަށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 76 މީހަކު މަރުވެއްޖެ އެވެ.

ޖަޕާނުގެ މީޑިއާތަކުގައިވާ ގޮތުން ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ފޭބުމާއި ކޯރުތައް ބަންޑުން ޖަހާލުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާފައި ވަނީ ހިރޯޝިމާ އާއި އޮކަޔާމާގައި އެވެ. އަދި މުޅި ގައުމުގައި 4.72 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރިވެ ތިބުމަށް ބުނެ އެޑްވައިޒަރީތައް ނެރެފައި އެވެ.

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ގެތަކުގައި ތާށިވެފައިވާ މީހުންނަށާއި އަނިޔާވެފައިވާ މީހުންނަށް އެހީވުމަށް 48،000އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި އެގައުމަށް ފާއިތުވި ދުވަސްތަކުގައި ވަނީ މީގެ ކުރިން އެއްވެސް އިރެއްގައި ރެކޯޑު ކުރެވިފައި ނުވާ މިންވަރަކަށް ވާރޭ ވެހިފައި އެވެ. އެގޮތުން އެގައުމުގެ ކޯޗީގެ އެއް ސަރަހައްދަށް ތިން ގަޑި އިރު ތެރޭ 26.3 ސެންޓިމީޓަރުގެ ވާރޭ ވެހުނުކަން އެއޭޖެންސީން ފާހަގަ ކުރި އެވެ. (ގާޑިއަން)