ގާހިރާ (ޖުލައި 8): މިސްރަށް ދިޔަ ލުބުނާނުގެ ފަތުރުވެރިޔަކު އެގައުމަށް 'ބަދުބަސް ބުނުމާ' ގުޅިގެން އޭނާ އަށް އަހަރަށް ޖަލަށް ލާން ގާހިރާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މޯނާ އަލް މަޒްބޫހުގެ ވަކީލު ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މިސްރުގައި ދިރިއުޅެން ޖެހޭ ހާލަތާއި، އެގައުމުގައި ޖިންސީ ފުރައްސާރަ ކުރުމާ ބެހޭ ވީޑިއޯއެއް ފޭސްބުކުގައި ހިއްސާ ކުރުމުންނެވެ.

އެވީޑިއޯގައި މަޒްބޫހު ވަނީ މިސްރަކީ ދަށު ދަރަޖައިގެ، ނަޖިސް ގައުމެއް ކަމަށް ބުނެ މިސްރުގެ އަންހެނުންނާއި ފިރިހެންނަށް ފާޑު ކިޔާފައި އެވެ.

އަދި ޓެކްސީ ދުއްވާ މީހުންނާއި މަގުމަތިންދާ ފިރިހެނުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށާއި ރޯދަ މަހު ރެސްޓޯރެންޓުގެ ހިދުމަތްތައް ރަނގަޅު ނޫން ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އުމުރުން 24 އަހަރުގެ މަޒުބޫހު ބުނި ގޮތުގައި އޭނާ ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭ މިސްރަށް އެއް ފަހަރަށް ވުރެ ގިނައިން ޒިޔާރަތްކޮށްފަ އެވެ.

އެމައްސަލާގައި މަޒުބޫހުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ދޮގު ހަބަރު ފެތުރުމާއި ދީނަށް ފުރައްސާރަކުރުން ހިމެނެ އެވެ.

މަޒުބޫހުގެ ވަކީލު އިމާދް ކަމާލް ވަނީ މިހާރު އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި މަޒުބޫހު ވަނީ 2006 ވަނަ އަހަރު ސިކުނޑީގެ ސާޖަރީއެއް ހަދާފައި ކަމަށާއި އޭގެ ސަބަބުން އޭނާއަށް ރުޅި ކޮންޓްރޯލު ކުރަން އުނދަގޫވާ ކަމަށް ބުނެފަ އެވެ.

މަޒުބޫހުގެ ވީޑިއޯއާ ގުޅިގެން މިސްރުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެގައުމު ދިފާއުކޮށް، ފޭސްބުކުގައި ވީޑިއޯތައް ހިއްސާކޮށްފަ އެވެ. އަދި މަޒުބޫހު ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ މިސްރުގެ ރައްޔިތުންގެ ފަރާތުން މާފަށް އެދިފަ އެވެ. (އަލްޖަޒީރާ)