08 Jul 2018, 16:06
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރު ވެސް ކޯލީޝަނެއްގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕީޕީއެމްއާ އެކު އިތުރު ދައުރަކަށް ކޯލީޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް މިއަދު ސަން އަށް ވިދާޅުވީ އެމްޑީއޭ އިން އޮތީ ކުރިއަށް އޮތްތަނުގައި ވެސް ރައީސް ޔާމީނާ އެކު ކޯލީޝަނެއް ހަދައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި ރަސްމީކޮށް އެކަން ކުރުމަށް އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
"މި ކެމްޕެއިނަށް ނުކުންނާނީ 2018 އަށް ކޯލީޝަން އެގްރީމަންޓަކާ އެކީގައޭ. އެކަންތައްތަަކަށް ދެ ފަރާތުން ރައީސް ޔާމީނާއި އަޅުގަނޑުމެން ޕާޓީގެ ލީޑަރު އޮނަރަބަލް ސިޔާމާ ދެބޭފުޅުން މަޝްވަރާ ކުރަމުން ދަނީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކޯލީޝަން އެގްރީމަންޓް ހެދިގެންދާނެ ކަމަށާއި އެމްޑީއޭގެ ލީޑަރު ސިޔާމް ވެސް ކުރިއަށް އޮތް ތަނުގައި ކެމްޕެއިން ޖަލްސާތަކުން ފެނިގެންދާނެ ކަމަށެވެ.
"ދެބައި މީހުން އެދޭ އެގްރީމަންޓެއް އެކުލަވާލުމަށް ފަހު ރަސްމީކޮށް ކެމްޕެއިން ކުރިއަށްދާނީ." މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ކުރިން ހަދާފައި އޮތް އެގްރީމަންޓް އޮތީ 2018 ވަނަ އަހަރުގެ ނިޔަލަށް ކަމާށާއި ކުރިއަށް އޮތް އެގްރީމަންޓް ހެދިގެންދާނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި އަދި ކައުންސިލް އިންތިހާބާ އެކު ކަމަށެވެ.
ޕީޕީއެމް ކޯލީޝަންގައި އެމްޑީއޭގެ އިތުރުން ދެން ހިމެނެނީ ޑީއާރްޕީ އެވެ.