09 Jul 2018, 09:22
ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދެވި އިރު ވެސް ދިވެހީންނަށް ދެއްކެވީ އިލްމީ ގޮތުން ގާބިލް އަދި ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އެއީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. އެމަނިކުފާނު ފުރުއްވި ސިޔާސީ މަގާމްތައް ބައިވަރެވެ. އަދި އިލްމީ ގޮތުން ވެސް ބޮޑެތި ކާމިޔާބީ ތަކެއް އެމަނިކުފާނު ހޯއްދެވި އެވެ.
އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިރު އެމަނިކުފާނަށް ވަކި ހިސާބަކުން ޖެހިވަޑައިގަތީ ޑރ. ޖަމީލާ ދެކޮޅަށް އިތުބާރު ނެތް ކަމަށް ނިންމަވާށެވެ. ފަރުދާގެ ފުރަގަހުގައި ޑރ. ޖަމީލް ކުރެއްވި ބައެއް ކަންކަމުގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގީ މަޖިލީހުންނެވެ. އެހިސާބުން ދެން އަނެއްކާ ވެސް ރައީސް ޔާމީނަށް ޖެހިވަޑައިގަތީ ނައިބު ރައީސެއް ހޯއްދަވާށެވެ.

ރައީސް ޔާމީނާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ ރައީސް އޮފީސް
ރިޔާސީ ދައުރުގެ އެންމެ މުހިންމު ހިސާބުން ރައްޔިތުންގެ ތަރައްގީއަށް ވިސްނުމުގެ ބަދަލުގައި ރައީސް ޔާމީނަށް ޖެހިވަޑައިގަތީ އަނެއްކާ ވެސް ނައިބު ރައީސަކު ގެންނަވާށެވެ. އެ ފަހަރު ނައިބު ރައީސަކަށް ގެންނެވީ 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށް އަބަދު ވެސް ވިދާޅުވާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބެވެ. ނަމަވެސް އަދީބު ވެސް ވަކި ހިސާބަކުން އެމަނިކުފާނަށް ދެއްވީ ކެއްސެވެ. އެއާއެކު ދެން ނައިބު ރައީސަކަށް ގެންނެވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
ނައިބު ރައީސުންނަށް އިތުބާރު ކުރުމުގައި ރައީސް ޔާމީނަށް މާޒީގައި ލިބިވަޑައިގަތީ ރަނގަޅު ތަޖުރިބާއެއްނޫނެވެ. ކުރިއަށް އޮތީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ އެެއް އިމްތިހާނެވެ. އެއީ ރިޔާސީ އިންތިޚާބެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކުރިމަތިލައްވާއިރު އެކުގައި މަސައްކަތް ކުރައްވަން ނަންގަވާ ބޭފުޅަކީ މަގުބޫލު އަދި ހަމަ އެއާއެކު ފުރިހަމައަށް އިތުބާރު ވެސް ހިފޭ ބޭފުޅަކަށް ވާން އެބަޖެހެ އެވެ.
މިފަހަރު ވަފާތެރި ތެދުވެރި ބައިވެރިއަކަށް ރައީސް ޔާމީން ނެންގެވީ ރާއްޖޭގެ މަޝްހޫރު، ޒުވާން ދީނީ އިލްމްވެރިޔާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އުމުރުން އެންމެ 41 އަހަރުގެ ޑރ. ޝަހީމަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ނަމަވެސް ވަކި ހިސާބަކުން އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަވައި ރާއްޖޭގައި އަލަށް އުފެއްދި އިސްލާމިކް ޔުނިވާސީޓިގެ ވައިސް ޗާންސެލާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އެއަށް ފަހު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމެވެ.

އޭޕްރީލް 1، 2016: އިސްލާމިިކް ޔުނިވަސިޓީގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް
ޑރ. ޝާހިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ޑރ. ޝަހީމަކީ ގުރުއާން ހިތުދަސް އަދި ޕީއެޗްޑީ ނަންގަވައިފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޝަހީމަށް ބަލާއިރު ގިނަ ބަޔަކު އިއްތިފާގުވާ އެއް ކަމެއް ހަމަ ޔަގީނުން ވެސް އެބައޮތެވެ. އެއީ ރަނިން މޭޓް ކަމުގެ މަގާމަށް އެމަނިކުފާނު ވަރުގެ ގާބިލް އިތުރު ބޭފުޅަކު މިވަގުތު ފެންނަން ނެތުމެވެ. އެމަނިކުފާނުގެ އިލްމްވެރިކަމާއި މަޑުމައިތިރިކަމެވެ. އިތުބާރު ދެމެހެއްޓުމާއި އެންމެ ބޮޑު އެއް ކަމަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ހިޔާލު އެއްގޮތްވުމެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް "ސަން" އަށް ވިދާޅުވީ، ޑރ. ޝަހީމަކީ ރަނިން މޭޓަކަށް ހަމަޖައްސަން ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ހުރިހާ ބޭފުޅުންގެ ތާއިދު އެމަނިކުފާނަށް އެބައޮތް ކަމަށެވެ. ޑރ. ޝަހީމަކީ ރައްޔިތުންގެ ލޯބި ހޯދާފައިވާ ބޭފުޅެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
"އެމްޑީއޭ އިން ދެކޭ ގޮތުގައި ޑރ. ޝަހީމަކީ ރަނިންމޭޓަކަށް މިވަގުތު ހަމަ ގާބިލް ބޭފުޅެއް. ލީޑަޝިޕުން އެގޮތަށް ދެކެނީ. ސަބަބަކީ މެދު މިނުގެ ސިޔާސަތެއް ގެންގުޅުއްވާ، މަޑުމައިތިރި އަދި ރައްޔިތުންގެ ލޯބި އޮތް ބޭފުޅަކަށްވާތީވެ،" މައުރޫފް ވިދާޅުވި އެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޑރ. ޝަހީމަކީ ހުރިހާ ގޮތަކުން ވެސް ރަނިން މޭޓްކަމަށް ޝަރުތުހަމަވާ ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ޕީޕީއެމްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑރ. ޝަހީމާ އެކު ރައީސް ޔާމީނަށް އޮތް ތާއިދު އިތުރުވެގެންދާނެ ކަމަށެވެ.
ޑރ. ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމާ އެކު ރާއްޖޭގެ ގިނަ އިލްމްވެރިންވަނީ ޝަހީމަށް ތާއިދުކޮށް ރައީސް ޔާމީނަށް ދެވަނަ ދައުރެއްދިނުމަށް ގޮވާލައްވައިފަ އެވެ. އިލްމްވެރިން ގަބޫލު ކުރާ ގޮތުގައި ޝަހީމް އެމަގާމަށް ގެނައުމުން އިލްމްވެރީންގެ ބަސް އިއްވުމަށް އިތުރަށް މަގުފަހިވެގެންދާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ގައުމީ ކަންކަމުގައި އިލްމްވެރިންނަށް ބަސް ބުނުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
އެމްޑީޕީ ސަރުކާރުން އިޒުރޭރުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުމުން، އެކަމާ ދެކޮޅަށް މާލޭ އިރުމަތީފަރާތު ސުނާމީ ބިނާ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
މިހުރިހާ ސަބަބަކާ އެކު އަދި އޭގެ އިތުރުން ވެސް އިސްލާމީ ގައުމުތަކާ ދެމެދު ޝަހީމް ގާއިމު ކުރައްވާފައިވާ ވަރުގަދަ ގުޅުމުގެ ސަބަބުން ރަނިން މޭޓަކަށް ޝަހީމްގެ ނަން ރައީސް ޔާމީން ހުށަހެޅުއްވުމަކީ ފުރިހަމަ އަދި ޕީޕީއެމްގެ މެމްބަރުންގެ ބަހުންނަން "ހަބޭސް" ނިންމުމުކަަށް ވެގެންދާނެ އެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ޑރ. ޝަހީމް ދަތުރުކުރައްވަން ނިންމަވާފައިވާ އިރު އެމަނިކުފާނަށް އިތުބާރު ވެސް ތާއިދު ވެސް ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.