08 Jul 2018, 15:16
އަންކާރާ (ޖުލައި 8): ތުރުކީ ސަރުކާރުގައި މަސައްކަތްކުރާ 18،000 މުވައްޒަފަކު މިއަދު އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.
ތުރުކީގެ އޮފިޝަލް ގެޒެޓުގައިވާ ގޮތުން ސަރުކާރުން ނެރުނު ކުއްލި އަމުރެއްގެ ދަށުން އެ މީހުން މަގާމުން ދުރުކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތުމުގެ ސަބަބުންނެވެ.
އަދި އޭގެ ތެރޭގައި، 8،998 ފުލުހުންނާއި 3،077 ސިފައިންނާއި 1،949 އެއާ ފޯސް އޮފިޝަލުންނާއި 1،126 ކަނޑުގެ ސިފައިން ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުން ނެރުނު ކުއްލި އަމުރުގެ ދަށުން ވަނީ ތިން ނޫހަކާއި ޓީވީ ޗެނަލެއްވެސް ބަންދުކޮށްފައެވެ.
ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން މީގެ ކުރިންވެސް އެގައުމުން ވަނީ 160،000 އަށް ވުރެ ގިނަ ސަރުކާރު މުވައްޒަފުން މަގާމުން ދުރުކޮށްފައި ކަމަށް އދގެ ހިއުމަން ރައިޓްސް އޮފީހުން ބުންޏެވެ.
އެ ނާކާމިޔާބުވި ބަޣާވާތާ ގުޅިގެން ތުރުކީ އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ނަމަވެސް މިދިޔަ މަހު ދެވަނަ ދައުރަކަށް އިންތިހާބުވެފައިވާ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ކުއްލި ނުރައްކަލުގެ ހާލަތު ވަރަށް އަވަހަށް އުވާލައްވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.
ތުރުކީ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރީ އެމެރިކާގައި ދިރިއުޅުއްވާ އެގައުމުގެ އިލްމުވެރިޔާ ފަތުހުﷲ ގުލެންއެވެ. ނަމަވެސް ގުލެން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އަދި ތުރުކީގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ، ގައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ.
(އަލްޖަޒީރާ)