ގދ. ރަތަފަންދޫގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ރޭގެ ހާދިސާގައި ޒަޚަމްކޮށްލާފައި ވަނީ އުމުރުން 39 އަހަރުގެ މީހެކެވެ. ހަމަލާދީފައި ވަނީ ރަތަފަންދޫ އަށް އުފަން އެކަމަކު އައްޑު އަތޮޅު މަރަދޫގައި ދިރިއުޅެމުން އަންނަ ހަމީދު ނަމަކަށް ކިޔާ މީހަކަށެވެ.

ރޭގެ ހަމަލާގައި ޒަހަމްކޮށްލި މީހާއަށް ފަރުވާދިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކަށިން ފަސް އިންޗި ދިގުމިނަށް ކަފައިގެން ގޮސްފައިވާ ކަމަށާއި ބޮލުގެ ފުއްކިބަ ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާއިރު އޭނާގެ އެއް އަތް ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުރި ކަމަށެވެ. ޒަޚަމްވި މީހާއަށް ފަރުވާ ދިނުމަށްފަހު މިއަދު އޭނާގެ އާއިލާގެ އެދުމުގެ މަތިން މިއަދު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ ރޭ 9:00 ޖަހާކަންހާއިރު ރަތަންފަންދޫގައި ހިނގި މާރާމާރީ ގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖަކާއި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭ ހިމެނެނީ 21 އަހަރާއި 22 އަހަރުގެ މީހެކެވެ. ހައްޔަރު ކުރި މީހުންނަކީ ކޮންބައެއް ކަމެއް ކޮން ރަށެއްގެ ބައެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.