08 Jul 2018, 12:58
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއީދުކުރައްވަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިޚް އަލީ ޒާހިރާއި ޝައިޚް އަހުމަދު ސަމީރު ނިންމަވައިފި އެވެ.
ޝައިޚް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. ޝަހީމް އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޑރ. ޝަހީމް އަކީ "ގާބިލު ބޭފުޅެއް ކަމަށް" އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
ޝައިޚް ސަމީރު ވެސް ވަނީ ޑރ. ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސެވި ޚަބަރާ އެކު މަރުހަބާ ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.
ޝައިޚް ސަމީރު ވިދާޅުވީ ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމުގެ ނަންފުޅު ހުށަހެޅުއްމުން ޑރ. ޝަހީމް، އޭނައާ މަޝްވަރާ ކުރެއްވި ކަމަށެވެ. ދީނާއި ވަތަނަށް ޚިދުމަތް ކުރުމުގެ ފުރުސަތެއް ކަމުގައި ބައްލަވައި ކުރިޔަށް ވަޑައިގަތުމަށް ޑރ. ޝަހީމަށް ލަފާ އެރުއްވި ކަމަށް ޝައިހް ސަމީރު ވަނީ ވިދާޅުވެފަ އެވެ.
ރަނިންމޭޓަކަށް ޝަހީމް އައްޔަނު ކުރެއްވުމުން އެކަން ގަބޫލުކުރައްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުން ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމަށް އެދިލައްވާ ކަމަށެވެ.
"ރައީސް ޔާމީންގެ ފަހަތްޕުޅަށް ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ، އިލްމުވެރިންނާއި ޒުވާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން މި އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުން އެދެން،" ޝަހީމްގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސެވިކަން އިއުލާނު ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅެއް ކަމަށެވެ. މިހާރު ޑރ. ޝަހީމް ހުންނެވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވާ، ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް އަބްދުރަހީމް ވިދާޅުވި އެވެ.
އަބްދުރަހީމް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިނުގައި ޝަހީމް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޝަހީމަކީ އިސްލާމިކް ޝަރީއާއިން ޑިޕްލޮމާ ހާސިލް ކުރައްވައި އިސްލާމީ ޝަރީޢާ އިން ފަސްޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝަހީމް ޕީއެޗްޑީ ހެއްދެވީ އިސްލާމީ ފިޤުހާއި އުސޫލުލްފިޤުހުން ނެވެ.
އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ހާފިޒެކެވެ. އިސްލާމިކް މިނިސްޓަރުކަން ވެސް މި ސަރުކާރުގައި ކުރައްވާފައިވާ ޑރ. ޝަހީމް އަކީ ރާއްޖޭގެ މަޝްހޫރު އިލްމުވެރިންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.