08 Jul 2018, 11:39
ބޭންކޮކް(ޖުލައި 8): ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ ތައިލޭންޑުގެ ބޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ފެތުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 41އަށް އަރައިފިއެވެ.
ޕުކެޓް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ފީނިކްސް ނަމަކަށް ކިޔާ އެބޯޓު ބަންޑުން ޖަހާލީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އޭރު އެބޯޓުގައި 105 މީހުން ތިބި އިރު އޭގެ ތެރޭގައި ޗައިނާގެ 93 ފަތުރުވެރިންނާއި 12 ކުރޫ މެމްބަރުން ހިމެނުނެވެ.
އެމައްސަލައާ ގުޅިގެން ބޯޓުގެ ކެޕްޓަންގެ މައްޗަށް އިހުމާލުވުމުގެ ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ވަނީ ދައުވާ ދޮގުކޮށްފައެވެ.
ތައިލޭންޑުގެ ފުލުހުން ބުނި ގޮތުގައި މިހާރު 49 މީހަކު ސަލާމަތް ކޮށްފައިވާ އިރު 41 މީހަކު މަރުވިކަން ވަނީ ޔަގީންވެފައެވެ. އަދި ބާކީ 15 މީހުން ހޯދުމުގެ މަސައްކަތް ޑައިވަރުންނާއި ހެލިކަޕްޓަރުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ތައިލޭންޑުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)