13 Sep 2011, 12:22
މ. ފިޔާޖީ ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރި މަޖީދިއްޔާ ސްކޫލްގެ ދަރިވަރު އަލީ ނިޔާޒުގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އަލިފާނުގެ ހާދިސާގައި ނިޔާޒްގެ ދެ އަތްތިލައާއި ދެ ފައިތިލަ އަދި ކަކޫ ވަނީ ފިހިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިޔާ ކޯޑިނޭޓާ ޒީނަތު އަލީ މިއަދު ވިދާޅުވީ އިއްޔެއިން ފެށިގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ ނިޔާޒްގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި ނޭވާލާން އަދިވެސް ވަރަށް ދަތިކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާއަރުވާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާފަންނު ބިސްބުރު ކައިރީގައި ލަކުޑިން ޑެގްއަޅައިގެން ހަދާފައިވާ ޕިޔާޖީ ގޭގައި އަލިފާން ރޯވީ އިއްޔެ މެންދުރު ފަހު 2.30 އެހާކަށް ހާއިރު އެވެ.
އެގެއިން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވި އިރު ނިޔާޒް އޮތީ އެގޭގެ ކޮޓަރިއެއް ތެރޭގައި ނިދާފަ އެވެ. ސިފައިން އޭނާ ސަލާމަތް ކޮށްފައި ވަނީ އެކޮޓަރީގެ ކުޑަދޮރުތައް ހަލާކުކޮށްލައި، ފުރާޅުމަތިން އަރައިގެންނެވެ.
އެގޭގައި އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އަލިފާން ނިއްވާލާފަ އެވެ.
ލިޔުމާ ގުޅުން ހުރި ވީޑިޔޯ
http://www.youtube.com/watch?v=zDX9S8vrLwA