ބޭންކޮކް(ޖުލައި 8): ތައިލޭންޑުގެ ޗިއަން ރައިގައި އޮންނަ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވި ގޮތުގައި ތައިލޭންޑު ގަޑިން 10:00 ޖެހި އިރު އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އަދި އެކަމަށްޓަކައި ހޮހޮޅައިގެ ކައިރީގައި ތިބި މީހުން ވަނީ ދުރުކޮށްފައި ކަމަށާއި އެސަރަހައްދުގައި މިހާރު ތިބީ ޑައިވިން ޓީމުތަކާއި، ސިއްހީ ފަރުވާދޭ ފަރާތްތަކާއި ސަލާމަތީ ފައުޖުތައް ކަމަށް އޮސޮޓަނަކޯން ވިދާޅުވިއެވެ.

ތައިލޭންޑުގެ ފުލުހުން ބުނެފައިވާ ގޮތުގައި ހޮހޮޅައިން ފުރަތަމަ ސަލާމަތް ކުރާ ކުއްޖާ، ހޮހޮޅައިން ނެރެވޭނެ ކަމަށް ބެލެވެނީ އެގައުމުގެ ގަޑިން 21:00ގައެވެ. އަދި ހުރިހާ ކުދިން ސަލާމަތް ކުރަން ތިނެއް ނުވަތަ ހަތަރު ދުވަސް ވަރު ނަގާފާނެ ކަމަށް އޮސޮޓަނަކޯން ވިދާޅުވިއެވެ.

ނަމަވެސް އެކުދިން ހޮހޮޅައިން ނެރެނީ ކިހިނެއް ކަމެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ތައިލޭންޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެކުދިން ސަލާމަތް ކުރެވޭނެ އެއް ގޮތަކީ އެކުދިންނަށް ޑައިވް ކުރަން ދަސްކޮށްދީގެން، ޑައިވްކޮށްގެން ހޮހޮޅަ ހުރަސް ކުރުމެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކުދިންނަކީ ފަތަން ނުދަންނަ ކުދިން ކަމުން އެއީ ނުރައްކާތެރި ކަމެކެވެ.

އަދި ދެވަނަ ގޮތަކީ އެކުދިންނަށް ހިނގާފައި ހޮހޮޅަ ހުރަސް ކުރެވޭ ވަރަށް ފެންގަނޑު ހިއްކުމެވެ.

މިދިޔަ މަހުގެ 23ގައި ހޮހޮޅައަށް ވަން ފަހުން ގެއްލުނު އެކުދިން ހޯދިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކުދިން ސަލާމަތް ކުރުމުގައި ބޭރުގެ 12 ޑައިވަރުންނާއި ތައި ނޭވީގެ ފަސް ޑައިވަރުން ބައިވެރިވެ އެވެ. (ބީބީސީ)