08 Jul 2018, 09:05
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބެލްޖިއަމްއާ ވާދަކޮށް ބްރެޒިލް ކެޓުމަކީ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަން ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.
ކުއާޓާ ފައިނަލްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ، 2-1ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ނޭމާގެ އިންޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ބެލްޖިއަމް އަތުން ކެޓުމުގެ ހިތާމައަކީ ފުން ހިތާމައެއް ކަމަށާއި، އެންމެ ބޮޑަށް ދެރަވާ ސަބަބަކީ ކުރިއަށް ދެވޭނެ ފެންވަރު ޓީމުގައި ހުރެ، އެކަން ހާސިލް ނުވުމުން ކަމަށެވެ.
ނޭމާގެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ ޓީމާ މެދު ފަހުރުވެރިވާ ކަމަށާއި، ޓީމުގައި އޭނާ ހިމެނުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ނޭމާ ވޯލްޑް ކަޕަށް ނުކުތީ ތިން މަސް ދުވަސް ވަންދެން އަނިޔާގައި ހުރުމަށްފަހު އޮޕަރޭޝަނެއްވެސް ކޮށް، ރިކަވާ ވެގެންނެވެ. ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން ނޭމާ ފިޓްވި ނަމަވެސް އޭނާއަށް ވޯލްޑް ކަޕްގައި އެންމެ އެކަށޭނެ ކުޅުން ދެއްކިފައެއް ނުވެއެވެ.
ވޭތުވެދިޔަ ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ސެމީ ފައިނަލަށް ނުގޮސް ކުއާޓާ ފައިނަލުންނެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބްރެޒިލް ކެޓީ ޖަރުމަނުން އަތުން 7-1ގެ ނަތީޖާއަކުން ބަލިވެގެންނެވެ.
ޑައިވްކޮށް، ރެފްރީއަށް އޮޅުވާލާ މަކަރު ހަދާ ކަމަށް ބުނެ މިފަހަރުގެ ވޯލްޑް ކަޕްގައި ނޭމާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ނޭމާ ވަނީ ދެކޮޅު ހަދައިފައެވެ.