13 Sep 2011, 12:02
ހުރާ ހާދިސާގެ މައްސަލައާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް، މޫސާ އަލީ ޖަލީލާއި ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހާޒިރުކޮށް މިއަދު ސުވާލު ކުރަމުން ދަނިކޮށް ކޮމެޓީގެ ކޯރަމް ގެއްލުވާލައިފި އެވެ.
ކޮމެޓީން ނިންމެވި ގޮތަށް މިއަދު ހެނދުނު 9:30ގައި ފުރަތަމަ ކޮމެޓީ ސުވާލު ކުރެއްވެވީ ޗީފް އޮފް ޑިފެން މޫސާ އަލީ ޖަލީލާ އެވެ. އޭގެ ފަހުން ކޮމިޝަނަރު ފަސީހާ އެވެ. ކޮމެޓީގެ ކޯރަމް ގެއްލުނީ ފަސީހާ ސުވާލު ކުރަމުން ދަނިކޮށެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ޓޫފޯވަން ކޮމެޓީގައި ފަސީހާ ސުވާލު ކުރަމުން ދަނިކޮށް ކޯރަމް ގެއްލުނީ ކޮމެޓީ ވަގުތުގައި އެ ކޮމެޓީގެ މެންބަރަކު އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެވަގުތު ފަސީހާ ސުވާލު ކުރައްވަމުން ގެންދެވި މެންބަރު، ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދު ކޮމެޓީ ދޫކުރައްވައި ވަޑައިގަތުމާއެކު ބައެއް އެހެން މެންބަރުން ވެސް ކޮމެޓީ ދޫކޮށްލެއްވުމުންނެވެ.
ކޮމެޓީ ދޫކޮށްލެވި ބޭފުޅުންގެ ތެރޭގައި މުލަކު ދާއިރާގެ މެންބަރުން އަބަދުﷲ ޔާމީނާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމާއި އުނގުރާފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝީމާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ ހިމެނެ އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި ކޮމެޓީގައި އަޑުގަދަ ކުރެއްވެވީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.
ހުރާގެ ހިތާމަވެރި ހާދިސާއާ ބެހޭ ގޮތުން ކޮމެޓީއަށް ހާޒިރު ކުރައްވައި މިއަދު މޫސާ އަލީ ޖަލީލާ ސުވާލު ކުރެއްވުމުން އެ ހާދިސާއާ ގުޅިގެން ސިފައިން އަމަލު ކުރި ގޮތް ސާފުކޮށްދެއްވައި ފިޔަވަޅުތައް އަޅަނީ ސަރުކާރުން އެންގުމުން ކަމަށާއި ހުރާ ހާދިސާގައި ވެސް ސަރުކާރުން އެންގި ހިސާބުން މަސައްކަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި ކަމަށް ވެއެވެ.
މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ ކޮމެޓީގައި ދެން ތިއްބަވަނީ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަހުމަދު ސަމީރާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އާއި މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އަދި ކާށިދޫ ދާއިރާގެ އިސްމާއިލް އަބްދުލް ހަމީދެވެ.