08 Jul 2018, 01:06
ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓަކަށް އައްޔަންކުރި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެ މަގާމުން އިސްތިއުފާ ދެއްވައި ޕީޕީއެމްއާ މާދަމާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖައްސައި އެކަން ވަނީ ޕީޕީއެމްގެ ކައުންސިލަށް މިރޭ ހުށަހަޅުއްވާފައެވެ. އަދި ކައުންސިލްގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމަށް ތާއީދުކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ މައި ޖަގަހަ 'ރުމާލް2' ގައި ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމަށްފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސިކަން ރަސްމީކޮށް އޭނާއަށް ދަންނަވާފައިވާ ކަމަށާއި އެ މަގާމް ޝަހީމް މިހާރު ވަނީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރަނިން މޭޓަކަށް މީހަކު ހަމަޖެއްސުމުގައި ވަރަށް ގިނަ ކަންކަމަށް ބެލި ކަމަށާއި އެމީހަކީ ކޮންމެހެން ޕާޓީގެ މެންބަރަކަށް ވާން ނުޖެހޭ ކަމަށެވެ. އެގޮތުން ޝަހީމަކީ ފަސްބައިގައި އެއްވެސް ކަހަލަ ކިލަބު ކަމެއް ނެތް ފަރާތެއް ކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
"މިއަދާ ހަމައަށް ޝަހީމް ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމްގައި. އެއްވެސް ޕާޓީއެއްގެ މެންބަރެއް ނޫން. މާދަމާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ދެން ޕާޓީއާ ގުޅިވަޑައިގަންނަވާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ ކުރިން ރަނިން މޭޓަކު ނެގުމުގައި ވެސް ބަލާފައިވަނީ ޕާޓީން މީހަކު ނެގުމަށް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް ބަލާފައިވަނީ މުރާލި ހީވާގި ރަނިން މޭޓަކު ހޯދޭތޯކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން ވިދާޅުވި ތިމަންނަގެ ފުރިހަމަ އިތުބާރު ޑރ. ޝަހީމަށް އެބައޮތޭ. އަޅުގަނޑުމެންގެ އިތުބާރު ވެސް އެބައޮތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.