ފީފާ ވޯލްޑް ކަޕް 2018ގެ ކުއާޓާ ފައިނަލްގައި ސްވިޑެން ބަލިކޮށް، 28 އަހަރަށްފަހު އިންގްލެންޑުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންގްލެންޑުން ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ކުރީ ރަޝިއާގެ ސަމާރާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އިންގްލެންޑުން އެންމެ ފަހުން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 1990 ވަނަ އަހަރު އިޓަލީގައި ކުޅުނު ވޯލްޑް ކަޕްގައެވެ. އެ މުބާރާތް އިންގްލެންޑުން ނިންމާލީ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ މަދު ހަމަލާތަކެކެވެ. ޑިފެންސަށް ސަމާލުކަން ދީގެން ދެ ޓީމުންވެސް ކުޅުނު އިރު، މެޗު ހުޅުވިގެންދިޔައީ ހާފްގެ ފަހު ކޮޅުގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި މާ ގިނަ ހަމަލާއެއް ނުފެނުނު ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގިއެވެ. އެޝްލީ ޔަންގް ނަގައިދިން ކޯނަރު، ބޮލުން ގޯލަށް ވައްދާލީ ޑިފެންޑަރު ހެރީ މެގެއާއެވެ. އެ ގޯލަކީ މެގެއާ އިންގްލެންޑް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އިންގްލެންޑާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ސްވިޑެންގެ ފަރާތުންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައެވެ. މާކަސް ބާގު ބޮލުން ފޮނުވާލި ހަމަލާ ހުޝީޔާރު ކަމާއެކު ދިފާއުކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.

ދެވަނަ ހާފްގައިވެސް ސްވިޑެންއިން ނުރައްކާތެރި ދެ ތިން ހަމަލާއެއް ފެނުނު އިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ޕިކްފޯޑުގެ ހުޝިޔާރު ކަމެވެ. ވިކްޓާ ކަލޭސަން ތިރިތިރިން ފޮނުވާލި ހަމަލާގެ އިތުރުން ބާގުގެ ބާރު ހަމަލާވެސް ދިފާއުކޮށް، އިންގްލެންޑަށް ސެމީ ޔަގީން ކޮށްދިނުމުގައި ޕިކްފޯޑުގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވުނެވެ.

އިންގްލެންޑާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ އިންގްލެންޑުންނެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ޔެސޭ ލިންގާޑުގެ ހުރަސް ގޯލަށް ވައްދާލައިގެން އިންގްލެންޑަށް ލީޑު ނަގައިދިނީ ޑެލީ އަލީއެވެ.

އިންގްލެންޑުން އަމިއްލަ ގައުމުގައި 1966 ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ސެމީ ފައިނަލަށް ދަތުރުކުރީ 1990 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތަށް އެގައުމު ކޮލިފައިވެފައި ނުވާ އިރު، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕުން އިންގްލެންޑް ބޭރުވީ ގަދަ 16އިންނެވެ.

އޭގެ ފަހުން 2002 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލާ ހަމައަށް އިންގްލެންޑް ދަތުރުކުރި އިރު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ގަދަ 16އިންނެވެ. އަދި އެންމެފަހުން ބްރެޒިލްގެ ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އިންގްލެންޑާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިންގްލެންޑުން ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު އެނގޭނީ މިރޭ ރަޝިއާއާއި ކްރޮއޭޝިއާ ވާދަކުރާ މެޗަށްފަހުގައެވެ.