07 Jul 2018, 18:53
ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލެވެ. ހާއްސަކޮށް ތަރިންގެ "ބިޒީ ޝެޑިއުލް"އިން ބޭރުވެ، ހިތްހަމަ ޖައްސާލުމަށް އަންނަ ރީތި ހިތްގައިމު މަންޒިލެކެވެ.
ބޮލީވުޑާއި ހޮލީވުޑްގެ ތަރިންގެވެސް އެންމެ މަގުބޫލު އެއް މަންޒިލަށް ރާއްޖެ ވެފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިންގެވެސް އޯފް ސީޒަނަށް އެންމެ ކަމުދާ އެއް މަންޒިލަކީ އެންމެ ކުރިންވެސް ހަމަ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. ގިނަ ފަހަރަށް މީޑިއާތަކަށް ނޭނގި ކުޅުންތެރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށް، ފުރައިގެން ދާ ނަމަވެސް ބައެއް ކުޅުންތެރިންގެ މީސްމީޑިއާ އެކައުންޓްތަކުގައި ރާއްޖެ އިޝްތިހާރުވެސް ކުރެއެވެ.
އެލްނެނީ ހުރަވަޅި ރެސޯޓުގައި --- ފޮޓޯ/ އެލްނެނީ އިންސްޓާގްރާމް
ނަވާވީސް އަހަރަށްފަހު މިސްރުން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެގައުމަށް ވޯލްޑް ކަޕް ނިންމާލަން ޖެހުނީ މޮޅެއް ނުލިބިއެވެ. ހިތްދަތިކޮށް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުން އެ ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު، މުހައްމަދު އެލްނެނީއަށް އެކަމުގެ މާޔޫސްކަން ފިލުވާލަން އެންމެ ކަމުދިޔަ މަންޒިލަކަށްވީ ރާއްޖެއެވެ.
މީގެ ހަތަރު ދުވަސް ކުރިން އެލްނެނީގެ އިންސްޓްގްރާމްގައި އޭނާ ރާއްޖޭގެ ފުރަތަމަ ޕޯސްޓް ކޮށްފައިވާ އިރު، އޭނާ ޕޯސްޓް ކުރީ ހުރަވަޅި ރެސޯޓުންނެވެ. އޭގެ ފަހުން ރާއްޖެއާ ގުޅޭ އިތުރު ޕޯސްޓްތަކެއްވެސް އެލްނެނީގެ އިސްޓާގްރާމްގައި ޕޯސްޓްކޮށްފައިވާ އިރު، އެ ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް، "5.8 އަންޑަސީ" ވެގެންދިޔައީ އެލްނެނީއަށް ތަފާތު ތަޖުރިބާއަކަށެވެ.
އޭނާގެ އިންސްޓާގްރާމް ޕޯސްޓެއްގައި އެހެން ބުނެފައިވާ އިރު، ދުވަހުގެ ސްޓޯރީއަށްވެސް އެތަނުގައި ނަގައިފައިވާ ގިނަ ފޮޓޯތަކެއް އަޕްލޯޑުކޮށްފައިވާކަން ފާހަގަކޮށްލެވުނެވެ.
ހުރަވަޅީގެ ޖިމްގައި އޭނާ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުންދާ ތަން ދައްކުވައިދޭ ވީޑިއޯއެއްވެސް ޕޯސްޓްކޮށްފައިވާ އިރު، އެލްނެނީ އާސެނަލްއާއެކު ފަރިތަކުރުންތައް ފަށާނީ ވޯލްޑް ކަޕަށް ފަހުގައެވެ.
އާސެނަލުން ސީޒަން ހުޅުވާ މެޗުގައި ނުކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.