ވިޔަފާރިތަކުގައި ބިލު ހަދާ ސޮފްޓްވެއާތައް ޖީއެސްޓީއާ އެއްގޮތަށް ފަރުމާ ކުރަން ސޮފްޓްވެއާ ޑިވޮލަޕަރުންނާއިއެކު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޝްވަރާތަކެއް ފަށައިފި އެވެ.

މިދިޔަ ހަފްތާ މީރާއިން ވިޔަފާރިގެތައް އިންސްޕެކްޓް ކުރުމަށްފަހު އެ އެތޯރިޓީގެ ޑިރެކްޓަރު ފަތުހު ﷲ ޖަމީލް މިއަދު ވިދާޅުވީ ބޮޑެތި ހުރިހާ ވިޔަފާރިތަކަކުންވެސް ސޭލްސްގައި ސޮފްޓްވެއާ ބޭނުންކުރަމުން އަންނަ ކަމަށާއި އެ ތަކެތި ޖީއެސްޓީއަށް ބައްޓަންކުރަން ބަދަލުތަށް ގެންނަންޖެހޭ ކަމަށެވެ. އެ ބަދަލުތަށް ގެނައުމަށް ދިވެހި ޑިވަލޮޕަރުންނާ އެކު މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

"ބޮޑެތި ވިޔަފާރިތަކުން މިހާރުވެސް ޕޮއިންޓް އޮފް ސޭލްގައި ސޮފްޓްވެއާތައް އެބަ ބޭނުން ކުރޭ. ޖީއެސްޓީއަށް ކޭޓާ ކުރަން ބައެއް ބަދަލުތަށް ގެންނަން މިޖެހެނީ. އެ އެއްޗިހި މި ހުރީ މިކޮޅުންވެސް ސަޕޯޓް ލިބޭގޮތަށް. ގިނަ ބޭފުޅުން މި ގެންގުޅުއްވަނީ އެކައްޗެއް. އެހެންވެ އެ އެއްޗިހި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަދަލު ކުރުމަށް ވާހަކަ މި ދެކެވެނީ،" ފަތުހުﷲ ވިދާޅުވި އެވެ.

އަންނަ މަހުން އެކަކުން ފެށިގެން ވިކުރާގެ ގޮތުގައި ދުވާލަކަށް 2730ރ. ވަންނަ ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ފަށަންޖެހޭއިރު ކުދި ވިޔަފާރިތަކުގެ ހިސާބުތަށް ބެލެހެއްޓޭނެ މެނުއަލް ޑޮކިއުމަންޓްތަކެއް ތައްޔާރުކޮށް ފޯރުކޮށްދޭނެ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ "ކުދި ސޮފްޓްވެއާތަކެއް ކުދި ވިޔަފާރިތަކަށް ފޯރުކޮށްދިނުން" ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ (އޮކްޓޯބާ) އެކެއް އަންނަން ވާއިރަށް ސަރުކާރުން މަސައްކަތް ކުރާ ގޮތަށް އެތަކެތި ފޯރުކޮށްދެވިދާނެ ގޮތަށް. އެހެންވެ އަޅުގަނޑުމެން މެނުއަލް ޑޮކިއުމަންޓްތައް ފޯރުކޮށްދޭނަން. މިވަގުތަށް މެނުއަލްކޮށް ބެލެހެއްޓުން މުހިންމީ،" ފަތުހުﷲ ވިދާޅުވި އެވެ.

މުދަލާ ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީއަކީ ހިދުމަތާއި މުދާ ލިބިގަންނަ ފަރާތްތަކުގެ އަތުން ނަގައި ވިޔަފާރިވެރިން ސަރުކާރަށް ދައްކާ ޓެކުހެކެވެ. ޖީއެސްޓީގެ ގާނޫނު ބުނާގޮތުން އަހަރެއްގެ މައްޗަށް ވިކުރާގެ ގޮތުގައި އެއްމިލިއަން ރުފިޔާ (ދުވާލަކަށް 2730ރ.) ލިބޭ ކޮންމެ ވިޔަފާރިއަކުން ސަރުކާރަށް ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ.