މިދިޔަ ހުކުރު ދުވަހު ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕެއްގައި ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި އެކު ކ، ހުރައަށް ވަޑައިގެން އުޅުއްވަނިކޮށް ގެނބިގެން ހަތަރު ކުދިން މަރުވެ، އެ ހާދިސާގައި އަވަހާރަވި ޕްރިންސިޕަލް ވ. ފެލިދޫ މޫނިމާގޭ އަލީ ނާޒިމަކީ ގައުމީ ބަތޮލެއްގެ ގޮތުގައި ބަލައިގަތުމަށް ސަރުކާރަށް ދަންނަވަން ، ނާޒިމް ނިސްބަތްވެވަޑައިގަންނަވާ އޭނާގެ އުފަން ރަށުގެ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ފެލިދޫ ކައުންސިލްގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރެއްގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވާ ގަރާރުގައި ބުނެފައި ވަނީ ނާޒިމް އަވަހާރަވީ ދަރިވަރުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ކަމަށް މަންޒަރު ދުށް މީހުންނާއި ހަބަރު ފަތުރާ ވަސީލަތް ތަކުން ގެނެސްދީފައިވާ ހަބަރުތަކުން އެނގޭ ކަމަށެވެ.

ނާޒިމްގެ ފުރާނަ ގުރުބާން ކުރައްވާފައި ވަނީ ގައުމަށް ޓަކައި ކަމަށް ބެލެވޭތީ އޭނާ އަކީ ގައުމީ ބަތޮލެއްގެ ގޮތުގައި ބަލައިގަތުން އެދި ސަރުކާރަށް ހުށައަޅަން ނިންމާފައިވާ ކަމަށް ވެސް ވ. ފެލިދޫ ކައުންސިލުން ފާސްކުރި ގަރާރުގައި ވެއެވެ.

މިދިއަ ހުކުރު ދުވަހު ހުރާގައި ހިނގި ހާދިސާގައި ގެނބުނު ކުދިންގެ ތެރެއިން ދެ ކުއްޖަކު މޫދު އަޑީގައި ވަނިކޮށް، ނާޒިމް އެ ދެ ކުދިން ސަލާމަތްކޮށް އެއް ގަމަށް ގެނައި ކަމަށާއި އެ ދެ ކުދިންގެ ފުރާނަ ސަލާމަތްވީ އެހެންވެ ކަމަށް ހުރާގެ ބައެއް ރައްޔިތުންނާއި ސަލާމަތް ވި ބައެއް ކުދިންވެސް ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ކ. ހުރާ ޔޫތު ކޭމްޕް ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވުމާ ގުޅިގެން ، އެ ދަރިވަރުންނާއި ނާޒިމްގެ އާއިލާއަށް އެހީވުމަށް ހިރިޔާ ސްކޫލުން ވަނީ ފަންޑެއް ހުޅުވާފައެވެ. އަދި އެދުވަހަކީ ހުރާގެ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރުމަށް ހުރާ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ހިރިޔާ ސްކޫލްގެ 32 ކުދިން ހުރައަށް ކުރި ދަތުރުގައި އަމަލުކޮށްފައި ވަނީ އެފަދަ ދަތުރުތައް ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 2003 ވަނަ އަހަރު އެކުލަވާލާފައި ވާ ގަވައިދާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އެހާދިސާގައި އެއްވެސް ފަރާތަކުން ގަވައިދާ ހިލާފަށް ކަމެއް ކޮށްފައި ވޭތޯ ބެލުމަށް ފުލުހުންނާއި ، އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް އުފައްދާފައިވާ ކޮމިޓީއަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.