07 Jul 2018, 11:51
ރައީސް އޮފީހުގެ ލީގަސް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ބައްޕާފުޅު އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެ އެވެ.
އަބްދުއްޝަކޫރު އަވަހާރަވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 79 އަހަރެވެ. އާއިލާގެ ފަރާތުން އަބްދުއްޝަކޫރުގެ ދަރުކަލުން އާތިފު ޝަކޫރު ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
ޝަކޫރުގެ ކަށުނަމާދު ކުރުމާއި ފަސްދާނުލުން އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. މޫނުދެއްކުން ކުރިއަށް ދާނީ މިއަދު މެންދުރު 1:00 އިން ފެށިގެން އާސަހަރާ މިސްކިތުގަ އެވެ.
އަބްދުއްޝަކޫރަކީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޮޑިޓް އޮފީހުގައި މަސައްކަތް ކުރެއްވުމަށް ފަހު ރައީސް އޮފީހުގެ ފައިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގައި ގިނަ ދުވަސްތަކެއްވަންދެން އުޅުއްވި އެވެ.
ޝަކޫރު ރިޓަޔާ ކުރައްވާފައި ވަނީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެވެ. ޝަކޫރާ އެކު އެއްކޮށް މަސައްކަތް ކުރެއްވި އަދި ގާތް ބޭފުޅެއް ކަމަށްވާ އަނީސާ އަހުމަދު ވިދާޅުވީ ޝަކޫރަކީ ސަކަ މިޒާޖެއްގެ އެންމެންނާ ވެސް ގުޅޭ ބޭފުޅެއް ކަމަށެވެ.
"ރައީސް އޮފީހުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ދަތުރެއް ދިޔަ ނަމަވެސް މުޅި ދަތުރުގެ ފޯރި ހިއްޕާލާނެ ޝަކޫރު. އެހާ މަޖާ ބޭފުޅެއް އެއީ،" އަނީސާ ވިދާލުވި އެވެ.
ލިޔުންތެރި ކަމަށް ޝައުގުވެރިކަން ހުންނަވާ ޝަކޫރަށް ވަނީ 1985 ވަނަ އަހަރު ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.
އެދުވަސްވަރު އެންމެ މަޝްހޫރު އެއް ޗާޕުހާނާ "އުންމީދީ" އަކީ ޝަކޫރުގެ ޗާޕުހާނާ އެކެވެ.
އަނީސާ އަހުމަދު ވިދާޅުވީ އެންމެ ފަހުން ބަލިވެ ގޭގައި އޮންނެވި އިރު ވެސް ލިޔުންތައް ލިޔުއްވައި މައުލޫމާތު އެއްކުރެއްވުމުގައި ޝަކޫރު ގިނަ ވަގުތު ހޭދަ ކުރެއްވި ކަމަށެވެ.