ހުޅުލޭ އައިލެންޑް ހޮޓެލްއަށް މުދާއުފުލާ ލޯންޗެއް، ހުޅުލޭ ފަޅުތެރެއަށް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްގެ ތަރްޖަމާން، ކެޕްޓަން އިބްރާހީމް އާޒިމް، ސަންއަށް މިއަދު ވިދާޅުވީ، އެޗްއައިއެޗްއަށް މުދާ ހިފައިގެން ދިޔަ ލޯންޗެއް މިއަދު ހެނދުނު ހުޅުލޭ ފަޅުތެރެއައް ބަންޑުން ޖަހާލާފައި ވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައި ވަނީ، މިއަދު ހެނދުނު 9:12 ކަންހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރްޖަމާނު ވިދާޅުވިއެވެ.

"ލޯންޗް ބަންޑުންޖަހާލާފައި ވަނީ އޭގެ މުދާ ހުސްކުރުމަށް ފަހު ހުޅުލޭ އައިލެންޑް ހޮޓެލް ކައިރީ ފަޅުތެރޭގައި އަޅާފައި އޮއްވާ ދިޔަވެގެން،" ކެޕްޓަން އާޒިމް ވިދަޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯންޗު ދިޔަވެގެން އަޑިއަށް ގޮސް ބަންޑުން ޖަހާލި ނަމަވެސް އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށްވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.