07 Jul 2018, 10:06
އައިޝްވާރްޔާ ރާއީ، އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ފަންނޭ ޚާން"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފިއެވެ.
ޓްރެއިލާގައި ފެނިގެން ދަނީ ދަރިފުޅުގެ ލަވަކިޔުމުގެ ހުނަރު ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ބައްޕައެއްގެ ވާހަކައެވެ. ފިލްމުގެ ޓްރެއިލާއިން ވެސް ބެލުންތެރިންގެ އިހްސާސްތަކާ ކުޅެލައިފައި ވާއިރު، ކްރިޓީކުންނާއި ބެލުންތެރިންނަށް ވަނީ ޓްރެއިލާ ކަމުގޮސްފައެވެ.
އެގޮތުން ފިލްމުގައި އައިޝްވާރްޔާއާއި ރާޖްކުމާރުގެ ކެމިސްޓްރީ ވަރަށް ފުރިހަމަ ވާނެ ކަން ޓްރެެއިލާ އިން އެނގޭ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
އަތުލް މަންޖުރޭކަރު ޑައިރެކްޓު ކޮށްފައިވާ "ފަންނޭ ޚާން" ރިލީޒް ކުރާނީ އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ ބައްޕަ ކުރާ މަސައްކަތުގެ މައްޗަށެވެ.
ފިލްމުގައި އައިޝްވާރްޔާ ފެނިގެން ދާނީ މިޔުޒިކް ސެންސޭޝަނެއްގެ ގޮތުގައެވެ.
"ފަންނޭ ޚާން" ވެގެން ދާނީ 1999 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ތާލް" އަށްފަހު، އައިޝްވާރްޔާ އަދި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.