ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ސަންޖޫ" އަށް 200 ކުރޯރު (29,470,320 އެމެރިކާ ޑޮލަރު)ގެ އާމުދަނީއެއް ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލްމަށް ލިބުނު 16.10 ކުރޯރު ރުޕީޒް އާއެކު ފިލްމުގެ ޖުމްލަ އާމުދަނީ ވަނީ 202.51 ކުރޯރަށް އަރައިފައެވެ. ފިލްމު ރިލީޒް ކުރި ދުވަހު "ސަންޖޫ"އަށް 34.75 ކުރޯރު ލިބުނު އިރު، އެ ފިލްމުން 200 ކުރޯރު ހަމަކޮށްފައި މިވަނީ ހަތް ދުވަހުންނެވެ.

މިއީ 200 ކުރޯރުގެ އާމްދަނީއެއް ލިބުނު ރަންބީރުގެ ފުރަތަމަ ފިލްމު ކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު "ސަންޖޫ" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެވަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމަށެވެ.

ރާޖްކުމާރު ހިރާނީ ލިޔެ، ޑައިރެކްޓުކޮށްފައިވާ އެ ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޚާއްސަކޮށް، ރަންބީރުގެ އެކްޓިން އެންމެން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ދިއާ މިރްޒާ، އަދި ސޯނަމް ކަޕޫރެވެ.