ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑުން ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗަށް މިރޭ ނުކުންނާނެ އެވެ.

އެންމެފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް ބަލިވީ ވެސްޓް ޖަރުމަނު ކައިރިން ޕެނެލްޓީ ޖަހައިގެންނެވެ.

އޭގެ ފަހުން އިންގްލެންޑަށް ވޯލްޑް ކަޕްގެ ކުއާޓާއަށް ދެފަހަރު ދެވުނު ނަމަވެސް އެހިސާބުން ކަޓައިގެން ދަނީ އެވެ. އާއްމުކޮށް ވަރުގަދަ ޓީމުތައް އަތް ދަށު ވެގެންނެވެ. ދެހާސް ދެ ވަނަ އަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުން ކެޓި އިރު، ދެން ޖެހިގެން އައި 2006 ވަނަ އަހަރުގެ ކުއާޓާގައި ޕޯޗުގަލް ކައިރިން އިންގްލެންޑް ބަލިވީ ޕެނެލްޓީ ޖަހައިގެންނެވެ.

1990 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ތެރެއިން --- ފޮޓޯ// އޭޕީ

ތާރީހަށް ބަލާ އިރު، އިންގްލެންޑަށް ވޯލްޑް ކަޕްގައި އެންމެ ބޮޑު "ދޯކާއެއް" ދޭ އެއްޗަކީ ޕެނެލްޓީއެވެ. ޕެނެލްޓީ ޝޫޓްއައުޓެއް ކާމިޔާބު ކުރުމަކީ އިންގްލެންޑަށް އަބަދު ވެސް ޗެލެންޖަކަށްވާ އިރު، މިފަހަރު ހުރިހާ ކަމެއްވެސް ދިމާ ވަނީ އިންގްލެންޑްގެ ތާރީހާ ނުބައްދަލުކޮށެވެ. އެ ސަބަބުތަކަށް ޓަކައި 1966 ވަނަ އަހަރު ފަހުން އިންގްލެންޑް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލަށް މިސްރާބު ޖަހާފައިވާ ކަމަށް އެގައުމުގެ ގިނަ ބަޔަކު ގަބޫލުކުރެވެ އެވެ.

އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައިވާ އިރު، މި ފަހަރަކީ އެޓީމަށް އޮތް ބޮޑު ފުރުސަތެކެވެ. ހާއްސަކޮށް ގްރޫޕް ސްޓޭޖުގެ ނަތީޖާތަކާ އެކު އިންގްލެންޑުން ލައްވާލީ ފަސޭހަ ފަޅިއަށެވެ. ފައިނަލާ ހަމައަށް ގިރާކުރަން ހުރި ހުރަސްތައް ފަސޭހަ ކަމަށް ބުނެވިދާނެ އެވެ. ދެހާސް ހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާއިން އިންގްލެންޑް ކެޓި އިރު، ސެމީއަށް ދިޔަ ނަމަވެސް އެޓީމަށް ލައްވާލަން އޮތީ ވެސް ފުޓުބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ ބްރެޒިލާއި ފްރާންސް ފަދަ ގައުމުތަކެވެ.

އިންގްލެންޑަށް މިފަހަރުގެ ވޯލްޑް ކަޕްގައި ފަސޭހަ ގްރޫޕެއް ލައްވާލި އިރު، މިދިޔަ ފަހަރުގެ ޗެމްޕިއަން ޖަރުމަނު ފަދަ ޓީމުތައް ކެޓުމާ އެކު އިންގްލެންޑަށް ފަސޭހަ މަގެއް ކޮށިއްޖެ އެވެ. މިރޭގެ މެޗުގައި ސްވިޑެން ބަލިކޮށްފި ނަމަ، އިންގްލެންޑަށް ސެމީގައި ކުޅެން ޖެހޭނީ ރަޝިއާއި ކްރޮއޭޝިއާ މިރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަނެއް ފަޅިން ސެމީއަށް ފްރާންސާއި ބެލްޖިއަމް ދަތުރުކޮށްފައިވާ އިރު، މިހާރު ވޯލްޑް ކަޕްގައި ބާކީ އޮތް ހަ ޓީމަކީ ވެސް ހުސް ޔޫރަޕްގެ ޓީމުތަކެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އިންގްލެންޑާއި ޕެނަމާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

ގަދަ 16ގައި ކޮލަމްބިއާ ބަލިކޮށް އިންގްލެންޑުން ކުއާޓާއަށް ދިޔައީ އެގައުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕެނެލްޓީ ޝޫޓްއައުޓެއް ކާމިޔާބުކޮށްގެންނެވެ. ޒުވާން ޓީމަކާ އެކު މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް އިންގްލެންޑުން ތަފާތު ދައްކަމުންދާ ކަމަށް ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފައިވާ އިރު، ކޮލަމްބިއާ މެޗަށް ފަހު އޭނާ ބުނީ ޓީމުން ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓޭކް އުފެއްދުން މަދު ކަމަށް ސައުތުގޭޓް ބުނެފައިވާ އިރު، އޭނާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކެޕްޓަން ހެރީ ކޭންގެ ގޯލް ޖެހުމުގެ ރެކޯޑެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ހަ ގޯލް އޭނާ ޖަހާފައިވާ އިރު، އޭގެ ތެރެއިން ތިން ގޯލަކީ ޕެނެލްޓީ އެވެ. އެހެން ނަމަވެސް އޭނާގެ ފެންވަރާ މެދު މިހާރު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، ސްވިޑެންއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމުގެ ޑިފެންސިވް ރެކޯޑެވެ. ގްރޫޕް ސްޓޭޖުގައި އެންމެފަހުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު ކޮޅަށް ވަން ދެ ގޯލް ފިޔަވާ އިތުރު ގޯލެއް ވަދެފައެއް ނުވެ އެވެ. މެޗަށް ނުކުންނަ އިރު ދެޓީމުގެ ކުރިމަތިލުންތަކުން ކުރިން ނުކުމެފައިވާ ނަތީޖާތައް ވެސް ދާދި ހަމަހަމައެވެ.

ޕެނަމާއާއި އިންގްލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް 24 ފަހަރު އިންގްލެންޑާ ސްވިޑެން ކުޅެފައިވާ އިރު، އޭގެ ތެރެއިން އަށް ފަހު މޮޅުވެފައި ވަނީ އިންގްލެންޑެވެ. ސްވިޑެން ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އެއްވަރު ވެގެން ނިމުނީ ނުވަ މެޗެކެވެ. ވޯލްޑް ކަޕްގައި މިހާރު ނުކުންނަމުންދާ ނަތީޖާތަކަށް ބަލާ އިރު، ތަފާތު ހައިރާން ކުރުވަނިވިި ނަތީޖާތައް ނުކުމެފައިވީ ނަމަވެސް، 1966 ވަނަ އަހަރުގެ ތާރީހު އިޔާދަކުރުމަށް އިންގްލެންޑަށް މިފަހަރު އޮތީ ފަހި ފުރުސަތެކެވެ.