އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ އިން ރާއްޖެ އަށް ދިން 26 ސްކޮލަޝިޕަށް ކުރިމަތިލުމަށްހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާންގައި ބުނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން، ބެޗެލާސް ޑިގްރީއަށާއި މާސްޓާސް އަށް ކިޔެވުމަށް ސޮކްލަޝިޕްތަކެއް ދީފައިވާ ކަމަށެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ކޯސްފީ ހިލޭ ދޭ ގޮތަށް ދީފައި ވަނީ ބެޗެލާސް ޑިގްރީގެ އެއް ސްކޮލަޝިޕް އެވެ. އަދި 50 ޕަސެންޓް ކޯސްފީ ހިލޭދޭ ގޮތަށް ބެޗެލާސް ޑިގްރީގެ 15 ކޯހަކާއި އަދި މާސްޓާސް ޑިގްރީގެ 10 ކޯހެއް ވެސް ލަވްލީ ޕްރޮފެޝަނަލް ޔުުނިވާސިޓީން ވަނީ ދީފަ އެވެ.

ބެޗެލާސް ޑިގްރީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލްގައި ތިން މާއްދާއިން އީ ފާސް އޮތުން ހިމެނެ އެވެ. އަދި މާސްޓާސް ޑިގްރީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައި އޮތުން ހިމެނެ އެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގައި ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި އިންޖިނިއަރިން، ބިޒްނަސް، ބަޔޯ ޓެކްނޮލަޖީ އަދި އިންޓީރިއާ ޑިޒަިއިންއާ ގުޅޭ ދާއިރާތައް ހިމެނެ އެވެ. އެހެންކަމުން އެ ދާއިރާތަކުގެ ކޮންމެ ކޯހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 13:30ގެ ކުރިން އެޕްލިކޭޝަން ފޯމާ އެކު ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.